ލިވަޕޫލް އަދި މިސްރުގެ ތަރި މުހައްމަދު ސަލާހަށް ކޮވިޑް 19 ޖެހުނީ އޭނާގެ ބޭބެގެ ކައިވެންޏަށް ދިޔުމުން ކަމަށާއި އެއީ ބޮޑު އިހުމާލެއް ކަމަށް ކުރިން އަޔެކްސްއާއި ޓޮޓެންހަމްއަށް ކުޅުނު މިސްރުގެ ފޯވަޑް މީޑޯ ބުނެފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުމަށްފަހު ޓީވީ ޕަންޑިތެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ މީޑޯގެ ފާޑު ކިޔުން ސަލާހަށް އަމާޒުކޮށް ބުނެފައިވަނީ މިހާރުގެ ހާލަތުގައި ބޭބެގެ ކައިވެނި ހަފްލާއަށް ގޮސް، އެތައް ބަޔަކާ ބައްދަލުވުމަކީ ސަލާހުގެ ފަރާތުން ފެނުނު ދަށު ދަރަޖައިގެ "ފިނޑި" އަމަލެއް ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުން ގައުމީ ޓީމާއި ކްލަބުގެ ބައެއް މުހިއްމު މެޗުތައްވެސް ސަލާހަށް ގެއްލޭނެއެވެ. މީޑޯ ބުނެފައިވަނީ މުހިއްމު މެޗުތަކެއް ކުރިއަށް އޮއްވައި އެތައް 100 މީހުންނެއް ދިޔަ ކައިވެނި ހަފްލާއަކަށް ގޮސް، އެތައް ބަޔަކާ ބައްދަލުވުމަކީ އަދަބު ދޭން ޖެހޭނެ ކަމެއް ކަމަށެވެ.

"ސަލާހުގެ ފަރާތުން ހެދި ބޮޑު ގޯހެއް އެއީ އޭނާގެ ބޭބެގެ ކައިވެނި ހަފްލާއަށް ދިޔުމަކީ. ކޮވިޑުން މުޅި ޓީމު ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަލާހް ވަރަށް ބޮޑަށް އިހުމާލުވެފައި މިވަނީ. މިސްރުގެ ޓީމަށް އެހާ މުހިއްމު ކުޅުންތެރިޔަކަށް މުހިއްމު މެޗުތަކެއް ގެއްލުމުގެ އިތުރުން ސަލާހް ވަނީ މުޅި ޓީމު ނުރައްކަލަށް ވައްޓާލާފައި،" މީޑޯ ބުންޏެވެ.

ފުޓުބޯޅަ ކުޅުންތެރިންނަށް އަދަބު ދިނުމުގައި ކްލަބުތަކާއި ގައުމީ ޓީމުތަކުންވެސް ހަމަހަމަކަން ނުގެންގުޅޭ ކަމަށް މީގެ ކުރިންވެސް ބުނި މީޑޯ ބުނެފައިވަނީ ސަލާހުގެ ބޭބެގެ ކައިވެންޏަށް 800 އަށްވުރެ ގިނަ މީހުން ޖަމާވި ކަމަށާއި އެތަނަށް ދިޔުމުން ސަލާހަށް އަދަބު ނުދިނުމުން ދޭހަވަނީ މިސްރުގެ ގައުމީ ޓީމު ސަލާހުގެ ދަށުވެފައި އޮތުން ކަމަށެވެ.

މީޑޯ ބުނީ 2006 ވަނަ އަހަރުގެ އެފްރިކަން ނޭޝަންސް ކަޕްގެ މެޗެއް، އޭނާގެ އިހުމާލުން ގެއްލުމާއެކު ގައުމީ ޓީމުން ހަ މަހަށް ބޭރުކޮށް، އަދަބު ދިން ކަމަށާއި ސަލާހަށް އެފަދައިން އަދަބުތައް ނުދިނުމަކީ ޒުވާން ޖީލުތައް ފެއިލްވާނެ ސަބަބެއް ކަމަށެވެ.

ގައުމީ ޓީމުގެ އޮފިޝަލުންނާއި ފުޓުބޯޅަ އިދާރާގެ އިސް ބޭފުޅުންގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރަށް އަމާޒުކޮށްވެސް މީޑޯ ބަހުގެ ހަމަލާއަށް އަމާޒުކޮށްފައިވާ އިރު، ސަލާހް ކައިވެނި ހަފްލާއަކަށް ދިޔަކަމަށް ދެކެވޭ ވާހަކައަކަށް ފުޓުބޯޅަ އިދާރާއިން އަދި ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް މާސްކެއް ނެތި، ގައިދުރުކަމެއްވެސް ނެތި ސަލާހް ކައިވެނި ހަފްލާގައި އުޅުނު މަންޒަރުތަކެއް ކަމަށްބެނެ، ފޮޓޯތަކެއްވެސް ވަނީ ދައުރުވާން ފަށައިފައެވެ.