ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އުޅޭ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ދެއްކެވި ވާހަކައާ ގުޅިގެން ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓުގައި ހިމަނައިގެން ބޭރު ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުން އަންނަ އިސްލާމިކް ފައިނޭންސިން އިންސްޓުރުމަންޓެއް ކަމަށެވެ. އަދި ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓް، ރަތްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ސުކޫކުގެ އެކި ކަންކަން ސާފުކޮށްދީފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓުތަކަކީ ކޮންވެންޝަނަލް ފައިނޭންސިން އިންސްޓުރުމަންޓުތަކާ ހިލާފަށް ޝަރީއާ ކޮމްޕްލައަންޓް ކުރުމަށްޓަކައި އިންސްޓުރުމަންޓުގެ ސްޓްރަކްޗާގައި އެސެޓެއް ބެކް ކުރެވިގެން އިޝޫ ކުރެވޭ އިންސްޓުރުމަންޓުތަކެއް،" ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޕްރައިވެޓް ސެކް (އައިސީޑީ) އާއެކު ވިއްކުމަށް މަސައްކަތް ކުރާ މި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކެއް ކަމަށެވެ. އެއީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕޯސް ވެހިކަލް (އެސްޕީވީ) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކޮށް، ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޓީވީގެ ބެނެފިޝަލް އޯނަޝިޕްގައިވާ އެސެޓް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް ލީސް ކުރުން ކަމަށެވެ. އަދި ސުކޫކުގެ މުއްދަތު ހަމަވުމުން އެސެޓްގެ ބެނެފިޝަލް އޯނާޝިޕް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސްޕީވީން އަނބުރާ ފިނޭންސަށް ނެގޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"އެހެންކަމުން މި ސުކޫކް ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނާޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުންވެސް ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން. އަދި މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން މި މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެ. އަދި ހަމައެހެންމެ މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެ،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ވަނީ 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުންކޮށްގެން މިފަދަ ވިއްކުމުގެ މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް އޭރު ގާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކަކާ ހެދި ސުކޫކު އިޝޫކުރެވޭ ގޮތް ނުވި ކަމަށެވެ.
ދައުލަތުން މަސައްކަތް ކުރަމުން ދަނީ ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ އެންމެ އެކަށީގެންވާ އަގެއްގައި ދައުލަތުގެ ދަރަންޏަށް ދިމާވެދާނެ ހިރާސްތަކަށް ރިއާޔަތް ކުރުމަށްފަހު ހޯދޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މިހާރު ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓުރުމަންޓުތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުންވެސް ހާއްސަކަމެއް ދީގެން އިޝޫކުރަމުން އަންނަ ޑެޓް އިންސްޓުރުމަންޓެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ހަގީގަތް އޮޅޭ ގޮތަށް އެކިއެކި ފަރާތްތަކުން ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު