ކޮވިޑް-19ގެ ބަލިމަޑުކަމުގައި އޮންލައިންކޮށް ބައްދަލުވުންތައް ބާއްވައި، ވިޔަފާރީގެ ގުޅުން ކުރިއަށް ގެންދެވޭނެ ގޮތަށް މުޅިން އާ ޕްލެޓްފޯމެއް ތައާރަފުކޮށް، އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) ފެއާ މިއަދު ފަށައިފި އެވެ.

ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ ފެއާ ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ.

މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ފެއާއަކީ ރާއްޖޭގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގައި ބާއްވާ އެންމެ ފުރަތަމަ ވާޗުއަލް ބީޓުބީ އެގްޒިބިޝަނެވެ. މި ފެއާ ކުރިއަށް ގެންދިއުމަށްޓަކައި އައިއެމްޓީއެމްއެއާގެ ނަމުގައި ވަނީ ހާއްސަ ޕްލެޓްފޯމެއް ވެސް ތައާރަފްކޮށްފަ އެވެ.

އައިއެމްޓީއެމުން ބުނީ، އެ ޕްލެޓްފޯމުން ބައިނަލްއަގްވާމީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި ޕީއާރު ކުންފުނިތަކާ ގުޅުވައިދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ލިވަބޯޑްތަކާއި ލޯކަލް ޓުއާ އޮޕަރޭޓަރުންނާއި އެޖެންޓުންނަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ބައްދަލުވުންތައް ބޭއްވޭނެ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން އައިއެމްޓީއެމްއެއާގައި ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ހާއްސަ އަދި މުހިންމު ފީޗާސްތަކެއް ހިމެނޭނެ ކަމަށް ވެސް އައިއެމްޓީއެމުން ބުނެ އެވެ.

އެގޮތުން ފެއާގައި ބައިވެރިވާ ކޮންމެ ކުންފުންޏަކަށް ވާޗުއަލް ބޫތެއް ލިބޭނެ އެވެ. ވިޔަފާރި ޕްރޮމޯޓް ކުރުމަށް އެ ބޫތު އެކި ގޮތްގޮތަށް ޑިޒައިންކޮށް، މަރުހަބާގެ ވީޑިއޯސްތަކާއި އުފެއްދުންތަކާއި ލުއިފޮތްތައް އަދި ގުޅޭނެ ނަންބަރުތައް ހިމެނޭނެ އެވެ. ކުރިއަށް އޮތްތަނުގައި ވިޔަފާރީގެ ގުޅުންތައް އުފެއްދުމަށް ކަނެކްޝަން ރިކުއެސްޓް ވެސް ފޮނުވޭނެ އެވެ.

އައިއެމްޓީއެމްގެ އެންމެ މުހިންމު އެއް ފީޗާއަކީ އެ ޕްލެޓްފޯމްގައި ހިމެނޭ އެގްޒިބިޝަން ހޯލެވެ. ފެއާގައި ބައިވެރިވާ ފަރާތްތައް ބައްދަލު ވެ، ވާހަކަދައްކާލުމަށް ހަދާފައިވާ އެ ފީޗާގައި ކޮންމެ ކުންފުންޏަކަށް ވެސް ވާޗުއަލް މޭޒެއް ލިބޭނެ އެވެ. ޝައުގުވެރިވާ ޕާޓީތަކުން އެ މޭޒުތައް ކައިރީގައި އިށީނދެ، ޗެޓް، ވީޑިއޯ ނުވަތަ އޯޑިއޯ މެދުވެރިކޮށް ވާހަކަ ދެއްކޭނެ އެވެ.

އައިއެމްޓީއެމުން ބުނީ، ފެއާގައި، އޮންނަ ގުޅުންތައް ކުރިއަށް ގެންދިއުމަށް މުޅި އަހަރު ދުވަހުގެ ތެރޭގައި އައިއެމްޓީއެމް ފެއާއަށް އެކްސެސްވެވޭ ގޮތަށް ރެޖިސްޓްރޭޝަން ފީއެއް ނަގާނެ ކަމަށެވެ. އެގޮތުން ސިންގަލް ޔޫސާ ލޮގިން އަކުން 56 ޑޮލަރު އަދި މަލްޓި-ޔޫސާ ލޮގިން އަކުން 112 ޑޮލަރު ނަގަން ވަނީ ނިންމައިފަ އެވެ.