ދެއަހަރަށް ފަހު މާލޭގައި ބާއްވާ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް (އައިއެމްޓީއެމް) ގެ މިއަހަރުގެ ފެއާއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މި ފެއާ ކުރިއަށްގެންދާ އައިއެމްޓީއެމް އިން ބުނެފިއެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކާއި ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކުގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން ވިޔަފާރިތަކަށް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކާ ގުޅިގެން ހުރި ފުރުސަތުތައް ހޯދައިދޭން ބާއްވާ މި ފެއާ ފަށާފައިވަނީ އިއްޔެއެވެ.

ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރުވެސް މި ފެއާ ކުރިއަށް ގެންދިޔައީ އައިއެމްޓީއެމް އެއާ ވާޗުއަލް ޕްލެޓްފޯމް މެދުވެރިކޮށެވެ. ނަމަވެސް މިއަހަރު މި ފެއާ ކުރިއަށްގެންދަނީ އާއްމުކޮށް ހުޅުވާލައިގެން މެންހެޓަން ބިޒްނަސް ހޮޓެލުގައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފެއާ އަކީ ރާއްޖޭގެ އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް ޕްރޮމޯޓުކޮށް، ވޯލްޑް ކްލާސް "މައިސް" ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރާ ފެއާއެކެވެ.

"ވަން" އާ ވަހަކަދައްކަވަމުން އައިއެމްޓީއެމްގެ އެސިސްޓެންޓް މެނޭޖާ، ސޭލްސް އެންޑް މާކެޓިން ސަބާ މުހުތާރު މިއަދު ވިދާޅުވީ މިއަހަރުގެ ފެއާ އަކީ ކޮވިޑަށްފަހު ފިޒިކަލްކޮށް ބާއްވާ ފުރަތަމަ ފެއާއަށް ވާއިރު، މިއަހަރުގެ ފެއާ ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން އައިއެމްޓީއެމްގެ ޕާޓްނަރުންނާއި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދާ ކަމަށް ސަބާ ވިދާޅުވިއެވެ.

މިއަހަރުގެ އައިއެމްޓީއެމް ފެއާގައި ބޭރުގެ 17 ގައުމަކުން ޓޫރިޒަމް ދާއިރާގެ 37 ފަރާތެއް ބައިވެރިވެއެވެ. އަދި ރާއްޖޭގެ ރިސޯޓް، ހޮޓެލް، ސަފާރީ، ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންސީ އަދި ގެސްޓުހައުސް ހިމެނޭގޮތަށް 15 ރަށަކުން 100 ކުންފުންޏެއް ބައިވެރިވެއެވެ. އޭގެ އިތުރުން އައިއެމްޓީއެމްގެ މީޓީން ޕްލެޓްފޯމް މެދުވެރިކޮށް 800 އަށްވުރެ ގިނަ މީޓިން ބުކްކޮށްފައިވާ އިރު، ފެއާއަށް 200 އަށްވުރެ ގިނަ ފަރާތަކުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެއެވެ.

ސަބާ ވިދާޅުވީ މިއަހަރުގެ ފެއާގެ މި ކާމިޔާބީއާއެކު އަންނަ އަހަރުގެ އައިއެމްޓީއެމް ފެއާ ބާއްވަން ނިންމާފައިވަނީ މިއަހަރުގެ ފެއާއަށް ވުރެ ބޮޑުކޮށް ކަމަށެވެ. އަދި އަންނަ އަހަރުގެ ފެއާ ބާއްވަން ރާވާފައިވަނީ އަހަރުގެ ކުރީކޮޅުގައި ކަމަށާއި އެ ފެއާގައި ބައިވެރިވުމަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިއެމްޓީއެމް ފެއާ އަކީ އައިއެމްޓީއެމް ޕްރައިވެޓް ލިމިޓެޑުން ކޮންމެ އަހަރަކު ވެސް ބާއްވާ ފެއާ އެކެވެ. މިއީ މި ފެއާ ބާއްވާ ފަސްވަނަ އަހަރެވެ. މިއަހަރު އައިއެމްޓީއެމް ފެއާގެ ލޯކަލް އޮންލައިން ނިއުސް ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.