ބޮލީވުޑްގެ ކިލާޅީ އަކްޝޭ ކުމާރުގެ އާ ފިލްމު "ރާމް ސޭޓޫ" އިއުލާނުކޮށްފިއެވެ.

އަބީޝެކް ޝަރުމާއާ އެކު އުފައްދާ މި ފިލްމުގެ ވާހަކަ އަކްޝޭ އާންމު ކުރީ ޓުވިޓާގައި ފިލްމުގެ ފަސްޓް ލުކްގެ ޕޯސްޓަރަކާ ވެސް އެކުއެވެ. ފިލްމުގައި އަކްޝޭ ކުޅެނީ އާކިއޯލޮޖިސްޓެއްގެ ރޯލެވެ.

މި ފިލްމަކީ އިންޑިއާގައި މީގެ ގަރުނުތަކެއް ކުރިން ފެނުނު ބުރިޖެއް ކަމަށްވާ "ރާމް ސޭޓޫ" މައްޗަށް އުފައްދާ ފިލްމެކެވެ. އެ ބްރިޖަކީ މީހުން ހެދި އެއްޗެއް ކަމެއް ނުވަތަ ގުދުރަތީ ބުރިޖެއް ކަމަށް ކުރެވޭ ބަހުސަކީ ގިނަ ޒަމާންތަކެއް ވަންދެން ދެކެވެމުން އަންނަ ވާހަކައެކެވެ. ފިލްމުގައި އަކްޝޭ ކުޅެނީ އެ ބްރިޖު ހޯދި މީހާގެ ބައެެވެ.

ދިވާލީގެ އުފަލުގައި އަކްޝޭ އިއުލާނު ކުރި މި ފިލްމު ބެލުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.