ހުޅުމާލޭގައި ސަރުކާރުން އިމާރާތްކުރި ހުޅުމާލޭ ބިލިއާޑް ރަސްމީކޮށް ހުޅުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުން އިއްޔެ ފާހަގަކޮށްފައިވާ އިރު، އެމަނިކުފާނުގެ ސަރުކާރުން އެންމެ ކާމިޔާބު ކަމާއެކު ކުރި މަސައްކަތަކީ ކުޅިވަރުގެ އެކިއެކި މަސައްކަތްތަކެވެ. އޭގެ ތެރެއިން އެކިއެކި ކުޅިވަރުތަކަށް ހާއްސަ ބައިނަލްއަގުވާމީ ފެންވަރުގެ ފެސިލިޓީތައް ތަރައްގީކުރުން ހިމެނެއެވެ.
ރޭ ހުޅުމާލޭގައި ހުޅުވި ބިލިއާޑް ހައުސްއާއެކު ބިލިއާޑް ކުޅުންތެރިންނަށް ރަނގަޅު ފެސިލިޓީއެއް ގާއިމު ވެގެން ދިޔަ އިރު، މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައިވަނީ މި އަންނަ އަހަރު ތެރޭގައި މާލޭގައި ގާއިމުކުރާ ބައިނަލްއަގުވާމީ ބިލިއާޑް ފެސިލިޓީގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުން ކުޅިވަރު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހުލޫފު ފާހަގަކުރެއްވިއެވެ.
ހުޅުމާލޭ ބިލިއާޑް ހައުސް، ރޭ ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ރޭގެ ހަފްލާގައި ނައިބު ރައީސް ވިދާޅުވީ ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ, މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަމުންއައި އެއް މަސައްކަތް ކަމަށާއި ހިންގުމުގެ ދާއިރާގައި ޒުވާނުންގެ ދައުރު އިތުރުކުރަން ވިސްނަން ޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުން އަންނަނީ ގާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ޒުވާނުންނަކީ މަސައްކަތްތެރި، އެފެއްދުންތެރި އަދި ގައުމަށް ފައިދާހުރި ބަޔަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރެއްވިއެވެ.
ހުޅުމާލެ ބިލިއާޑު ހައުސް ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު, ނައިބު ރައީސް ވަނީ ރާއްޖޭގެ އެއްވަނަ އަންހެން ބިލިއާޑު ކުޅުންތެރިޔާ ކަމުގައިވާ އައިމިނަތު ފާތީއާއެކު ބިލިއާޑު މެޗެއް ކުޅުއްވައިފައެވެ.
ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސްއާއެކު ކުޅިވަރާއި ބެހޭ ވަޒީރު މަހުލޫފުގެ އިތުރުން އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން މޯލްޑިވްސް ޕޫލް ބިލިއާޑު އެސޯސިއޭޝަން (އެމްޕީބީއޭ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ބިލިއާޑް
ބިލިއާޑް
ބިލިއާޑް
ބިލިއާޑް