ބަހުރެއިންގެ ބޮޑުވަޒީރު ޝައިހް ހަލީފާ ބިން ސަލްމާން އަލް ހަލީފާ މިއަދު އަވަހާރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އާލް ހަލީފާއަށާއި އެގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ. އަދި ޝައިހް ހަލީފާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.

ޝައިހް ހަލީފާ އަވަހާރަވެފައިވަނީ އުމުރުން 85 އަހަރުފުޅުގައެވެ. ޝައިހް ހަލީފާ އުފަންވެވަޑައިގަތީ 1935، ނޮވެމްބަރު 24 ގައެވެ. ޝައިހް ހަލީފާ އަކީ ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އާލް ހަލީފާގެ ބޮޑުބޭބޭފުޅެވެ.

ޝައިހް ހަލީފާ އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންދަނިކޮށް ނިއުޔޯކްގައި ކަމަށް ބައެއް ރިޕޯޓުތަކުގައިވެއެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން ރަސްމީކޮށް އަންގައިފައެއް ނުވެއެވެ.

ޝައިހް ހަލީފާއަކީ ދުނިޔޭގައިވެސް އެންމެ ގިނަ ދުވަސްވަންދެން ގައުމެއްގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. އާއިލީ ވެރިކަމެއް އޮންނަ ބަހުރެއިންގެ ބޮޑު ވަޒީރުކަމާ ޝައިހް ހަލީފާ ހަވާލުވެވަޑައިގެންނެވީ އެގައުމަށް މިނިވަންކަން ލިބުމުގެ އެއް އަހަރު ކުރިންނެވެ. އެއީ 1970 ވަނަ އަހަރުއެވެ. ޝައިހް ހަލީފާ ވަނީ އެގައުމުގެ ސްޓޭޓް ކައުންސިލްގެ ހެޑް ކަމާއި ސުޕްރީމް ޑިފެންސް ކައުންސިލުގައިވެސް އިސްދައުރެއް އަދާކުރައްވައިފައެވެ.

ބަހުރެއިން އަކީ އެމެރިކާގެ އަސްކަރީ ރައްކާތެރިކަމާއި ހިމާޔަތް ހޯދައިގެން އުޅޭ ގައުމެކެވެ. އަދި އެގައުމަކީ ސައޫދީ އަރަބިއްޔާގެ ބާރާއި ނުފޫޒު ވަރަށް ބޮޑު ގައުމެކެވެ. ދާދިފަހުން އިސްރާއީލާ ގުޅުންތައް ގާއިމުކުރި ގަލްފުގެ ދެގައުމުން ކުރެ އެއްގައުމަކީވެސް ބަހުރެއިންނެވެ.