ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައީ އެކަމުގައި ސަރުކާރުގެ ހީލަތްތެރި ރޭވުމެއް އޮވެގެން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، އަބުދުލް މުޣުނީ ހުށަހެޅުއްވި މި ބިލު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެންމެ ފުރަތަމަ މި ބިލު ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި އޮތީ ރާއްޖޭގެ ބޭންކެއްގައި 500،000 ޑޮލަރު ބަހައްޓާ ފަރާތްތަކަށް ވިސާ ދޫކުރެވޭ ގޮތަށެވެ. ނަމަވެސް، އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން އެ އަދަދު 250،000 އެމެރިކާ ޑޮލަރަށް ދަށްކޮށް، ކޯޕަރޭޓް ރެޒިޑެންޓް ވިސާގެ ދެ ބާވަތެއް ދޫކުރުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާހަކީ ބަލައިގަނެވޭނެ އިސްލާހެއް ނޫން ކަމަށާއި މި އިސްލާހުގައި ސަރުކާރުގެ ފޮރުވިފައިވާ ހީލަތްތެރި ރޭވުމެއްވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެ އިސްލާހުގެ ސަބަބުން ގައުމުގެ ހަމަޖެހުމަށާއި މިނިވަންކަމާއި އިސްތިގުލާލަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކަށް އިތުރު ގެއްލުންތައް ކުރިމަތިވެ، ދިވެހި ރައްޔިތުންގެ ދިރިއުޅުމަށްވެސް އޭގެ ސަބަބުން އެތައް ނުރައްކާތަކެއް ކުރިމަތިވެގެން ދާނެ ކަމަށް އިދިކޮޅުން ބުންޏެވެ.

"މިފަދަ ގޮތަކަށް ރާއްޖޭގައި ވަޒަންވެރިވެ ހުރުމުގެ މަދަނީ ހުއްދަ ދޫކުރާ ގޮތަށް އިމިގްރޭޝަން ގާނޫނަށް މި ގެނެވުނު އިސްލާހުގެ ސަބަބުން މި ކޯލިޝަނާއި ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކައިރި ގައުމުތަކުން އަގުހެޔޮ ލޭބަރުން އިތުރުވެ، އެމީހުން ގެސްޓް ހައުސް އާއި އެހެނިހެން ވިޔަފާރީގެ ކޮންޓްރޯލް ނެގުމާއި ރާއްޖޭގެ އާބާދީގެ ތެރޭގައި ދިވެހިންގެ ގޮތުގައި މަޑުމަޑުން ބަލައިގަންނަން ފެށުން،" އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ މި އިސްލާހު ފާސްކުރުމުގައި ސަރުކާރާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ކަމަށްވާ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތު ޕާޓީ މިކަމުގައި ހަނު ތިބުމުން ކުށްވެރިކުރާ ކަމަށެވެ.

އިއްޔެ ފާސްކުރި ބިލުން އަލަން ތައާރަފު ކުރަަން ހިމަނާފައިވަނީ މީޓިން ވިސާ އާއި ކޯޕަރޭޓް ރެޒިޑެންޓް ވިސާއެވެ. ކުރިން ގާނޫނުގައި އޮންނަ އަށް ވިސާއަކީ ޓޫރިސްޓު ވިސާ، ޑިޕްލޮމެޓިކް ވިސާ، ސްޓޫޑެންޓް ވިސާ، ބިޒްނަސް ވިސާ، ޑިޕެންޑަންޓް ވިސާ، ވާކް ވިސާ، ރެސިޑެންޓް ވިސާ އަދި ސްޕެޝަލް ވިސާއެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ ރަޖިސްޓްރާ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސް ފަރާތެއް އަދި އެއިން ފަރާތެއްގެ އާއިލާގެ މެންބަރެއް ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެކެވެ.

މީޓީން ވިސާ އަކީ "ކަސްޓަމްސްގެ ކޮންޓްރޯލާ ކަނޑައަޅާ ގޮތެއްގެ މަތިން ރަޖިސްޓްރާ އޮފް ބިޒްނަސަސް ގަބޫލުކުރާ ވިޔަފާރިއަކާ ގުޅުން ހުރި ބައްދަލުވުމެއް ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެނޫންވެސް ފަރާތަކުން އިންތިޒާމުކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން، ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ދެވޭ ހުއްދައެކެވެ.

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ވިސާ ކޮންމެ އަހަރަކުން އާ ކުރަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ދިވެއްސަކާ ކައިވެނިކޮށްގެން ދަރިޔަކު ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ހާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ހާލަތުގައި، އޭނާގެ ދަރިންނާ އެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދަ، ކޮންމެ ފަސް އަހަރަކުން އާ ކުރަން ޖެހޭ ގޮތަށް ކަނޑައަޅަން ބިލުގައި ވަނީ ހިމަނައިފައެވެ.

ނަމަވެސް ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން އަލަށް ރެޒިޑެންޓް ވިސާއަށް އެދި ހުށަހަޅާ ފަރާތެއް ނަމަ އެއް އަހަރު ދުވަހުގެ މުއްދަތަށް އެފަރާތަކަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކުރަން ވާނެއެވެ.