ކޮންމެ ސްކޫލެއްގައިވެސް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭން ޖެހޭނެކަމަށް ކަނޑައެޅި ތައުލީމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ގާނޫނުގައި ބުނެފައިވަނީ، ޕްރީ ސްކޫލް ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު އުނގަންނައި ދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެ ކަމަށާއި ދިވެހި ބަސް ކިޔަވއިދޭން ވާނެ ކަމަށެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާތާ މަސް ދުވަހުގެ ތެރޭގައި، މުދައްރިސުން ރަޖިސްޓްރީ ކުރުމާގުޅޭ އެންމެހައި، ކަންތައްތައް ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އުފައްދަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ގާނޫނަށް އަމަލު ކުރާއިރު ހިދުމަތުގައި ތިބި މުދައްރިސުން، ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި، އެ ބޯޑުގައި ރަޖިސްޓްރީކޮށް، ލައިސަންސް ހޯދަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ބޯޑުގައި ރަޖިސްޓްރީ ކުރުމަކާ ނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫން ވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި މަސައްކަތް ކޮށްގެން ނުވާނެ ކަަމަށާއި އެ ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.

މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރުމަކާ ނުލައި ތައުލީމު ދޭ ތަންތަން ހިންގާ ކަމުގެ ޝަކުވާއެއް، ނުވަތަ މައުލޫމާތެއް ލިބިއްޖެނަމަ އެކަމެއް ބެލުމަށްޓަކައި އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ބާރު މިނިސްޓްރީ އަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެ އެވެ. އަދި އެފަދަ ތަނެއް ހިންގަނީ ގާނޫނާ ހިލާފަށް ކަމަށްވާނަމަ ރަޖިސްޓްރީ ކުރުމަށް އެންގުމާއެކު ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި އުޅޭ ހަތަރު އަހަރުން ފެށިގެން 18 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމު ލާޒިމުވާ ކުއްޖެއް ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާއިރު، ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތެއްގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް ހިލޭ ތައުލީމު ހަމަޖައްސަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި މިގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ އަމިއްލަ ސްކޫލުތަކާއި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލުތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަންވާނެ ކަމަށް ވެސް ގާނޫނުގައި ބުނެ އެވެ.

ރައީސް ސޯލިހު ތައުލީމުގެ ބިލު މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން ތައުލީމުގެ ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. މި ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭ ތާރީހުގަ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޕްރީ ސްކޫލް ހިންގުމުގެ ގާނޫނު އުވައިލެވޭނެ އެވެ.