އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 17.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އެގޮތުން ޓެކުހުން 9.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން 5.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ. އަންނަ އަހަރު ހިލޭ އެހީއާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ.

  • އިމްޕޯޓް ޑިއުޓީ: 2.9 ބިލިއަން ރުފިޔާ
  • ޖީއެސްޓީ: 2 ބިލިއަން ރުފިޔާ
  • ގްރީން ޓެކްސް: 363 މިލިއަން ރުފިޔާ
  • ޓީޖީއެސްޓީ: 2 ބިލިއަން ރުފިޔާ
  • ޕީބީޓީ: 2 ބިލިއަން ރުފިޔާ
  • އެއާޕޯޓް ސާވިސް ސާޖު: 313 މިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކޮށް، ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްވެސް ގިނަ ކަންތައްތަކެއް ހިމަނާފައެވެ. އެގޮތުން ދިވެހިންނަށް ބިން ވިއްކައިގެންނާއި ފަތުރުވެރިކަމަށް ބިން ދޫކޮށްގެންނާއި ޕާކިން ފީ ނަގައިގެންނާއި ޓެލެކޮމް ލައިސަންސް ފީއާއި ރިއަލް އެސްޓޭޓުން ލިބޭ އާމްދަނީ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީއިން ޖުމްލަ 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު ހޭދައެއް ކުރާނީ ޕީއެސްއައިޕީގެ މަޝްރޫއު ތަކަށާއި މުވައްޒަފުންނަށް ހިނގާ ހަރަދަށެވެ. އެގޮތުން ބަޖެޓުގެ 48 އިންސައްތަ ހޭދަކުރެވިގެންދާނީ އެ ދެކަންތަކަށެވެ.

  • ސަރުކާރުންދޭ އެހީ، އިސްތިހާރާއި ސަބްސިޑީ: 11 އިންސައްތަ
  • އިގްތިސޯދީ ފައިދާއަށްޓަކައި ކުރާ ހަރަދު: 4 އިންސައްތަ
  • ބަޖެޓް ކޮންޓިންޖެންސީ: 4 އިންސައްތަ
  • ޕެންޝަނާއި މުސްކުޅިކުރައްވާ މުވައްޒަފުންނަށް ދޭ ފައިސާ: 5 އިންސައްތަ
  • ލޯނުގެ ހިދުމަތުގެ ހަރަދު: 7 އިންސައްތަ
  • ތަމްރީން ކުރުމަށް ކުރެވޭ ހަރަދު: 2 އިންސައްތަ
  • އެހެނިހެން: 3 އިންސައްތަ
  • ލޯނު އަނބުރާ ދެއްކުން: 4 އިންސައްތަ
  • ޕީއެސްއައިޕީ 24 އިންސައްތަ
  • މުވައްޒަފުންނަށް ހިނގާ ހަރަދު: 24 އިންސައްތަ

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުން ސިއްހީ ދާއިރާއަށް ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ 4 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ފަސް ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލެއް ގާއިމުކުރުމާއި ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތްކުރުމާއި ކޮވިޑްގެ ބަލިމަޑުކަން ނައްތައިލުމަށް ކުރާ ހަރަދާއި ސިއްހީ ދާއިރާގެ ކުރިއެރުމަށް ހިމެނޭ މުހިންމު ހަރަދުތައް ހިމެނެއެވެ. އަންނަ އަހަރުގެ ބަޖެޓުން އިޖުތިމާއީ ރައްކާތެރިކަމަށް 3.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އިގްތިސޯދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ހަރަދުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތަށް 2.3 ބިލިއަން ރުފިޔާ، ތައުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، ތިމާވެށި ރައްކާތެރިކުރުމަށް 1.8 ބިލިއަން ރުފިޔާ، ދިފާއީ ކަންކަމާއި އަދުލު އިންސާފާއި އަމަންއަމާންކަން ގާއިމްކުރުމަށް 4.2 ބިލިއަން ރުފިޔާ އަދި އާންމު ހިދުމަތް، އިޖުތިމާއީ އަދި ދީނީ ހިދުމަތް، ދަރަނީގެ ހަރަދުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ޑެފިސިޓް 15.5 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.