އަންނަ 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެއެވެ.

ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ގޮތަށް އެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ހަރަދާއި، ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްްޔިތުންގެ މަޖިލީހަށް މާދަމާ ބަޖެޓު ހުށަހެޅުއްވުމަށްފަހު ބަޖެޓު ބެއްލެވުމަށް މެންބަރުންނަށް ހަފުތާއެއްގެ ނޯޓިސް ލިބޭނެ ކަމަށެވެ. އަދި ބަޖެޓު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު ހަފުތާއެއް ދިނުމަށްފަހު ބަޖެޓުގެ މަސައްކަތް މަޖިލީހުގައި ފަށައިގަނެވޭނެ ކަމަށާއި މިމަހުގެ 16 ވަނަ ދުވަހު ބަޖެޓު ބަހުސް ފަށައި ކޮންމެ މެންބަރަކަށް ބަހުސް ކުރުމަށް 15 މިނެޓު ދެވޭނެ ކަމަަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރޭގަނޑާއެކު މަޖިލީގައި ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންގޮސް ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ބަޖެޓުގެ މަސައްކަތް ނިންމައި ފާސްކުރުމަށްފަހު މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި 35 ބިލިޔަނެއްހައި ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ހަމަޖެހިފައިވާ ކަމަށެވެ.