މިއީ އެންމެން އެކަތިގަނޑަކަށްވެގެން ގައުމު ރަނގަޅު ކުރަން ވީ ވަގުތު ކަމުގައި އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް އާންމުންނާއި ވާހަކަފުޅުދައްކަވައި ބައިޑަން ވިދާޅުވީ އިދުކޮޅު ފަރާތްތަކަކީ އަދުއްވުންގެ ގޮތުގައި ބެލުން ހުއްޓާލައި އެންމެން އެކުގައި މަސައްކަތް ފެށުމަށް ގޮވާލައްވާ ކަމަށެވެ.

ޑެލާވޭގެ ވިލިންގްޓަންގައި ވާހަކަފުޅުދައްކަވަމުން ބައިޑަން ވިދާޅުވީ ގައުމުގެ ހުރިހާ ރައްޔިތުން ގުޅިގެން ބައިބައިވުން ނައްތާލައި އެކުވެރި ބައެއްގެ ރައީސް އަކަށް ވާން ބޭނުންފުޅުވާ ކަމަށެވެ. އަދި އެބަޔަކީ ރަތް ސްޓޭޓް ތަކާއި ނޫ ސްޓޭޓް ތަކަށް ނުބަލައި ޔުނައިޓެޑް ސްޓޭޓްސް ގެ ގޮތުގައި ބަލައިގަންނަ ބަޔަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

ބައިޑަން އަކީ އެމެރިކާގެ މުޅި ތާރީހުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އެވެ. މިހާތަނަށް އެމަނިކުފާނަށް 74 މިލިއަން ވޯޓު ލިބިވަޑައިގެންފައި ވެއެވެ. އަދިވެސް ބައެއް ވޯޓު ފޮށި ގުނުމުގެ މަސައްކަތް ކުރިޔަށް ދާއިރު ބައިޑަން އަށް ލިބިވަޑައިގަންނަވާ ވޯޓްގެ އަދަދު އަދިވެސް އިތުރުވާނެ އެވެ.