އެމެރިކާގެ ޖަލުތަކުން 39 މީހަކަށް މާފުދީ 1500 މީހެއްގެ އަދަބު ލުއިކޮށްފިއެވެ.

އެމެރިކާގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެ ގައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ 1500 މީހުންނަށް އަދަބު ލުއިކޮށްދެއްވައި 39 މީހަކަށް މާފު ދިނުމަށް ނިންމަވައިފައެވެ.

މިއީ އެމެރިކާ ސަރުކާރުން މިހާތަނަށް މިހާ ގިނަ އަދަދެއްގެ ބަޔަކަށް މާފުދީ އަދަބު ލުއިކުރި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުށްވެރީންނަށް ދިން ލުއިތަކުގެ މައުލޫމާތު ދެއްވަމުން ޖޯ ބައިޑަން ނެރެއްވާފައިވާ ބަޔާނުގައި ވަނީ އެމީހުންގެ ތެރެއިން 39 މީހަކަށް މާފު ދެއްވަން ނިންމާފައިވަނީ އެމީހުން ފުރިހަމަކުރަން ޖެހޭ ރިހިބިލިޓޭޝަން ފުރިހަމަ ކުރުމުން ކަމަށް ފާހަގަކުރައްވައިފައެވެ.

ބައިޑަންގެ ބަޔާނުގައި އިތުރަށް ވިދާޅުވީ އެ ނިންމެވުމުގެ ސަބަބުން އެމެރިކާގެ އާންމުންގެ ތެރޭގައި ރައްކާތެރި އަދި ބަދަހި މާހައުލެއް ގާއިމުވެގެން ދާނެ ކަމަށެވެ.