ރެޑިޓް ރޭޓިން ކުންފުނި ކަމަށްވާ، "ފިޗް"އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވުމުން ދެން އެ ކްރެޑިޓް ރޭޓިން ރަނގަޅުކުރެވޭނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ދިވެހިން ވަޒީފާތަކަށް ބާރުވެރިކުރުވައިގެން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުވައްރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލައި ފިޗުގެ ރާއްޖޭގެ ރޭޓިން ވަނީ "ބީ" ނެގެޓިވް އަކުން "ސީސީސީ" އަށް ބަދަލުކޮށްފައެވެ. "ސީސީސީ" އަށް ދަށްކުރި މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމަށް ހުރި ދަތިތަކާއި ރާއްޖޭގެ ދަރަނި މަތިވަމުން ދިއުމެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިޗް ރޭޓިންގެ ރިޕޯޓް ރަނގަޅުކުރެވޭނީ، މަސްވެރިކަމާއި ދަނޑުވެރިކަން އަދި އުފެއްދުންތެރިކަން ކުރިއަރުވައި ދިވެހިން ވަޒީފާތަކަށް ބާރުވެރިކުރުވައިގެން ކަމަށެވެ.

"ލިބޭ މިންވަރަކުން ފުއްދައިގެން. ނޫޅޭ ނަމަ ޑެބްޓް ބޮޑުވާނެ. ސީސީސީ ލިބުނީމާ ލޯން ނަގައިގެން ބުރިޖު އެޅުން ފަސްކުރަން ޖެހޭ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ފިޗުން ދިން ރޭޓިން ގަބޫލުނުކުރާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ފިނޭންސުން ބުނީ ރާއްޖޭގެ ދަރަނި ދުވަހަކު ވެސް ޑީފޯލްޓްވެފައި ނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަން އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. އަދި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތައް ދައްކަންޖެހޭ ވަގުތަށް އެއްކޮށް ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

"ފިޗް" އިިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ، އެފަދަ ބައިނަލްއަގުވާމީ އިންޑިކޭޓަރުން ދޭ ރޭޓުގެ އަޑު ރާއްޖެއިން އަހަން ޖެހޭ ކަމަށާއި ނަމަވެސް ގައުމު ދަރަނިވެރި ނުވާނެ ކަމަށެވެ. ހާއްސަކޮށް ޗައިނާ ކުންފުނިތަކަށް ދައްކަން ޖެހޭ ލޯނުތައް ފާހަގަކުރައްވައި ޓޫރިޒަމް ކުރިއަރައި ދިއުމާއި ދަތުރުފަތުރު ކުރުން ގިނަވަމުން އަންނާތީ، އުއްމީދު އެބައޮތް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ފިޗުން ރާއްޖޭގެ ދަރަނީގެ ރޭޓިން "ސީސީސީ" ރޭޓިން އަށް ދަށްކުރީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސަރުކާރުގެ ދަރަންޏާ ގުޅޭ ރިޕޯޓުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްްވައި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، "ފިޗް" އިން ކްރެޑިޓް ރޭޓު ކުރާނީ ސިޔާސީ މީހުން ބުނާ އެއްޗަކަށް ނޫން ކަމަށެވެ.