ފެންޓާސްޓިކް ބީސްޓްސް ފްރެންޗައިސްގައި ޖޯނީ ޑެޕް ކުޅޭ ރޯލު ދޫކޮށްލައިފިއެވެ.
ޑެޕްގެ އިންސްޓަގްރާމް އެކައުންޓުގައި އިއްޔެ އާންމު ކުރި ބަޔާނެއްގައި އޭނާ ބުނެފައި ވަނީ ފެންޓާސްޓިކް ބީސްޓްސް ފްރެންޗައިސްގައި އޭނާ ކުޅޭ ގްރިންޑަލްވާޑްގެ ރޯލު ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.
ފެންޓާސްޓިކް ބީސްޓްސް ފްރެންޗައިސް އިން ވަކިވުމަށް ނިންމި މި ނިންމުމަކީ ޔޫކޭގެ ސަން ނިއުސްޕޭޕާ އާ ދެކޮޅަށް ޖޯނީ ޑެޕް ހުށަހެޅި މައްސަލަ އޭނާއާ ދެކޮޅަށް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ޑެޕް ބުނެފައި ވެއެވެ.
މީގެ އިތުރުން ހެރީ ޕޮޓާ ދުނިޔޭގެ ފެންޓާސްޓިކް ބީސްޓްސް ފްރެންޗައިސް ނިސްބަތްވާ ވާނާ ބްރަދާސް އިންވެސް ވަނީ މި ފްރެންޗައިސްގައި ޑެޕް ކުޅޭ ރޯލު ދޫކޮށްލުމަށް އެދިފައި ކަމަށް ޑެޕް ބުނެފައި ވެއެވެ. އަދި އެ ރޯލު ދޫކޮށްލާފައިވަނީ ވާނާ ބްރަދާސްގެ މި އެދުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ޑެޕް ބުނެފައި ވެއެވެ.
ސަން ނިއުސްޕޭޕާ އާ ދެކޮޅަށް ޑެޕް ހުށަހެޅި މައްސަލައަކީ އެ ނޫހުން 2018 ވަނަ އަހަރު ޕަބްލިޝް ކުރި ހަބަރަކާ ގުޅިގެން ޑެޕް ހުށަހެޅި މައްސަލައެކެވެ. ސަން ނިއުސްޕޭޕާގެ އެ ހަބަރުގައި ޑެޕްގެ ކުރީގެ އަނބިމީހާ އަދި ފިލްމީތަރި އެމްބާ ހާޑް އަށް އަނިޔާ ކުރާ ކަމުގެ ތުހުމަތު ކޮށްފައި ވެއެވެ. މި ތުހުމަތުތަކާ ގުޅިގެން ޑެޕްގެ ފިލްމީ ކެރިއަރަށް އަސަރު ކޮށްފައި ވެއެވެ. އެގޮތުން އޭނާގެ އެންމެ މަޝްހޫރު އެއްް ރޯލު ކަމަށްވާ ޕައިރޭޓްސް އޮފް ދަ ކެރީބިއަން ގައި އޭނާ ކުޅޭ ކެޕްޓަން ޖެކް ސްޕެރޯގެ ރޯލު ދޫކޮށްލާފައިވަނީ މި ތުހުމަތުތަކާ ގުޅިގެންނެވެ.
މައްސަލަ އޭނާއާ ދެކޮޅަށް ނިމުނު ނަމަވެސް، ހަގީގަތާ އެއްކޮޅަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ޑެޕް އާންމު ކުރި ބަޔާނުގައި ބުނެފައި ވެއެވެ.
ޑެޕް އަށް ޖިންސީ އަނިޔާގެ ތުހުމަތުތައް ކޮށްފައިވާ އިރު، މި މައްސަލައިގައި އެމްބާގެ ބަޔާން ދޮގުކަމުގެ އަޑު ވަނީ ފެތުރިފައެވެ. އަދި ޑެޕް އެމްބާއަށް އަނިޔާ ނުކުރާ ކަމަށާއި، ނަމަވެސް ކަން ހިނގަނީ އިދިކޮޅަށް ކަމަށް ދޭހަވާ އޯޑިއޯ ކްލިޕެއް ވެސް އާންމުވެފައި ވެއެވެ. މި މައްސަލައިގައި ވާނާ ބްރަދާސް އިން ޑެޕް އެކަނި ފްރެންޗައިސް އިން ވަކި ކުރުމަށް ނިންމި ނިންމުމަށް އާންމުންގެ އެތައް ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އަދި އެކުއާމޭން 2 ގައި އެމްބާ ކުޅުމަށް ނިންމާފައިވާ ރޯލުން އޭނާ ދުރުކުރަން ޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ވެސް ފާޅުކުރަމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން