ޗެލްސީއަކީ އިނގިރޭސި ޕްރިމިއާލީގުގެ ތަށްޓަށް ވާދަކުރާނެ ޓީމެއް ކަމަށް ކުރިން އެ ކްލަބަށް ކުޅެފައިވާ ފްރޭންކް ސިންކްލެއާ ބުނެފިއެވެ.
ކުރިން ކަލަބަށް ކުޅުނު ފްރޭންކްސް ލަމްޕާޑުގެ ކޯޗުކަމުގެ ދެވަނަ ސީޒަނަށް ޗެލްސީން ވަނީ ބޮޑެތި ހަރަދުތަކަކާއެކު ތައްޔާރުވެފައެވެ. އާ ކުޅުންތެރިން ޓީމަށް ގެންދިޔުމަށް ގާތް ގަނޑަކަށް 263 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާއިރު، ޗެލްސީގެ ބޯޑުން އުންމީދުކުރާނީ އެންމެ މަތީ ހަރުފަތަށް ކްލަބު ދިޔުމަށެވެ.
ޗެލްސީން ދަށްކޮށް ސީޒަން ފެށި ނަމަވެސް، އަލަށް ގެންދިޔަ ކުޅުންތެރިން ހަމަވެ، މިހާރު ކުޅެމުން އަންނަ މެޗުތަކުގައި އަންނަނީ ތަފާތު ދައްކަމުންނެވެ. އެންމެފަހުން ކުޅުނު ފަސް މެޗުގައިވެސް ޗެލްސީން ކްލީންޝީޓް ދަމަހައްޓާފައިވާއިރު، އެޓީމު ރަނގަޅު ފޯމަކަށް އެޅިފައެވެ.
"ލެމްޕާޑް ޗެލްސީއަށް ގެނައި ކުޅުންތެރިންނާ މެދު ހިތްހަމަ ޖެހޭ. ވަރަށް ބޮޑަށް އުންމީދުވެސް ކުރެވުނު. އެކަމަކު ދެން ކުޅުންތެރިން ގުޅުމަށް ވަގުތު ނަގާނެކަން ގަބޫލު ކުރެވުނު. ހާއްސަކޮށް އެޓޭކިން ކުޅުންތެރިންގެ ގުޅުން ގާއިމް ކުރުމަށް. ލެމްޕާޑަށް ޓީމާއެކު ވަގުތު ދޭން ޖެހޭ. ޗެލްސީން ފެށިވަރަށްވުރެވެސް މިހާރު ވަރުގަދަ. ވަރަށް ބޮޑަށް ގަބޫލުކުރެވޭ ޗެލްސީއަކީ މިސީޒަންގައި ތަށްޓަށް ވާދަކުރާނެ ޓީމެއް ކަމަށް. އެއީ މިހާރު ލީގުގައި ބޮޑުތަނުން ތަފާތު ޓީމެއް ނެތީމަ،" ސިންކްލެއާ ބުނެފައި ވެއެވެ.
ސިންކްލެއާ ގަބޫލުކުރާ ގޮތުގައި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އަނިޔާވުމާއެކު ލީގުގައި ތަށްޓަށް ވާދަކުރަން އޮތް އެންމެ ވަރުގަދަ ޓީމާއި އެހެން ޓީމުތަކާ މިހާރު ހަމަހަމަވީ އެވެ. ލިވަޕޫލާއެކު ދެން އެންމެ ވަރުގަދަ އެޓޭކިން ލައިނެއް އޮތީ ޗެލްސީގައި ކަމަށްވެސް ސިންކްލެއާ ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު