ރުވާންޑާ އާއި ރާއްޖެއާ އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރުވަންޑާގެ ފޮރިން މިނިސްޓަރު ޑރ. ވިންސެންޓް ބިރޫޓާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވީ، މިނިސްޓަރު ޝާހިދު، ރުވާންޑާގެ ފޮރިން މިނިސްޓަރާއެކު ފޯނުން ގުޅުއްވައެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ފޯން ކޯލުގައި ދެ ހާރިޖީ ވަޒީރުން ވަނީ މަލްޓިލޭޓަރަލް އަދި ބައިލޭޓަރަލް ގުޅުމުގެ ތެރެއިން ދެގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
މީގެ އިތުރުން ކޮވިޑް 19ގެ ސަބަބުން ދެގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ހަމައެއާއެކު ރާއްޖެއަށް ދިމާވެފައިވާ އިގުތިސޯދީ އަދި މާލީ ގޮންޖެހުންތަކާ ބެހޭގޮތުންނާއި އިގުތިސޯދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު، ރުވާންޑާގެ ހާރިޖީ ވަޒީރަށް މިނިސްޓަރު ޝާހިދު ވަނީ އަރުވައިފައެވެ.
ރާއްޖެއިން ރުވާންޑާއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު