ޖޯ ބައިޑެން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ޖޯ ބައިޑެން ކާމިޔާބު ކުރައްވާފައިވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވާދަކޮށްގެންނެވެ.

ސީއެންއެންގެ ނަތީޖާ ދައްކާގޮތުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ބައިޑަން ވަނީ 273 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވައިފައެވެ. އަދި މިހާތަނަށް ޓްރަމްޕަށް ލިބިވަޑައިގެންފައިވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.

ވާދަވެރި އިންތިހާބަކަށްފަހު ބައިޑެން އިންތިހާބު ކާމިޔާބު ކުރައްވާފައިވާ އިރު، އެމަނިކުފާނަށް ވަނީ އޮބާމާއަށް 2008 ވަނަ އަހަރު ލިބުނު ވޯޓަށްވުރެ ގިނަ ވޯޓު ލިބިފައެވެ. އޮބާމާއަށް އެ އިންތިހާބުގައި ލިބިފައިވަނީ 69،500،000 ވޯޓެވެ.

އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަން އަކީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާގެ ނައިބު ރައީސްއެވެ.

އެމެރިކާގެ 46 ވަނަ ރައީސް ކަމަށް ޖޯ ބައިޑެން އަދި ނައިބު ރައީސް ކަމަށް ކަމަލާ ހެރިސް ހުވާކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.