އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް މުޅި ދުނިޔެ އަންނަނީ އިންތިޒާރު ކުރަމުންނެވެ. ނަތީޖާ އިއުލާނުކުރުން ފެށިގެން އައި އިރު، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ވާދަވެރި ކެންޑިޑޭޓް ޖޯ ބައިޑަން އުޅުނީ ވަރަށް ގާތުގަ އެވެ. އެހެން ނަމަވެސް، އެންމެ ފަހުގެ ނަތީޖާއަށް ބަލާއިރު ފަރަގު ބޮޑުކޮށް، ބައިޑަން އަންނަނީ ކާމިޔާބާ ގާތަށް ދަތުރުކުރައްވަމުންނެވެ.

މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު އިންތިހާބުގައި ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 214 އިލެކްޓޯރަލް އެވެ.

އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އަށް 264 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައި ވެއެވެ. މި ނަތީޖާ އަށް ބަލާއިރު ބައިޑަން އިންތިހާބު ކާމިޔާބު ކުރުމަށް ބާކީ ބޭނުންފުޅުވަނީ ހަ އިލެކްޓޯރަލް ވޯޓެވެ. 270 އިލެކްޓޯރަލް ވޯޓު އެންމެ އަވަހަށް ހޯއްދަވާ ބޭފުޅަކަށް އިންތިހާބު ކާމިޔާބު ވާނެއެވެ.

މިހާތަނަށް ގުނަމުން އަންނަ ވޯޓު ފޮށީގެ ނަތީޖާ އަށް ބަލައި ބައިޑަން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ބެލެވޭ އިރު، ރައީސް ޓްރަމްޕް ވަނީ އިންތިހާބުގައި ބޮޑެތި މަަކަރުތަކެއް ހަދާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެ އިންތިހާބުގެ ބައެއް ފޮށިތަކުގެ ގުނުން ހުއްޓުވުމަށް ކޯޓަށް މައްސަލަ ވައްދައިފަ އެވެ.