މަރުގެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުން އެގޮތަށް ބޭނުންވާ ނަމަ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވުމުން، ރާއްޖޭގެ ދީނީ އިލްމުވެރިން އެކަމާ ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރު ދެނެގަތުމަށް ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މިރޭ ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ ރާއްޖެއިން މަރުގެ އަދަބު އުވައިލަން ގޮވައިލާ ގޮވައިލުންތައް ފާހަގަކުރައްވާ ކަމަށާއި ނަމަވެސް މަޖިލީހުން ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށެވެ.

ބަންޑާރަ ނައިބު ވިދާޅުވީ މަރުގެ އަދަބު ނައްތައިލުމުގެ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތަށް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ކުރާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.

"ރާއްޖޭގައި މަރުގެ އަދަބު ނައްތައިލަން ގޮވައިލާ ގޮވައިލުންތައް އަޅުގަނޑުމެން ފާހަގަކުރަން. އެހެން ނަމަވެސް ޕާލަމެންޓުން ހަދަން ޖެހޭ ގާނުނުތައް ނުހަދައި މަރުގެ އަދަބު އުވައެއް ނުލެވޭނެ. އަދި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދައި މަރުގެ އަދަބު ނައްތައެއް ނުލެވޭނެ،" އޭޖީ ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ރިފްއަތުގެ އެވާހަކަތަކާ ގުޅިގެން ނުރުހުން ފާޅުކޮށް، ބައެއް ދީނީ އިލްމުވެރިން ވިދާޅުވީ، އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހުކުމްތަކަކީ ރައްޔިތުން ބޭނުންވީމާ ބަދަލުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ދިވެހި ރައްޔިތުން ބޭނުންވި ނަމަވެސް މާތްﷲ ކަނޑައަޅުއްވާފައިވާ ހުކުމަކަށް ބަދަލު ނުގެނެވޭނެ ކަމަށެވެ. ޑރ. އިޔާޒްގެ އެވާހަކަތަކަށް ތާއީދުކުރައްވައި ޝައިހް އަލީ ޒައިދު ވިދާޅުވީ، ގިސާސްގެ ހުކުމާއި އޭގެ ޝަރިއްޔަތަށް އިންކާރުކޮށްފި ނަމަ އެމީހަކު ކާފިރު އެވަނީ ކީރިތި ގުރުއާނަށް ކަމަށެވެ.

މީގެ އިތުރުން ޝައިހް ޒައިދު ވިދާޅުވީ، ގިސާސްގެ ހުކުމް ދެމެހެއްޓުމަކީ ވެރިންގެ މައްޗަށް ވާ ވާޖިބެއް ކަމަށެވެ.

އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސައިން ވިދާޅުވީ ކިތަންމެ ގިނަ ބަޔަކު އެދުނަސް، މާތްﷲގެ ގާނޫނު ބަދަލު ނުކުރެވޭނެކަން ނޭނގުމަކީ ޖާހިލުކަމުގެ އަލާމާތެއް ކަމަށާއި އެހެންކަމުން ގަދަބަސް ނުބުނުމަށް އެދޭ ކަމަށެވެ.

"ގަދަބަސް ނުބުނެ، ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް އަވަހަށް ތައުބާވުން ބުއްދިވެރި،" އިލްޔާސް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބުދީފައިވަނީ މީގެ 67 އަހަރު ކުރިންނެވެ.

ރާއްޖޭގައި މަރުގެ އަދަބުދިނުން ހުއްޓަލާފައި އޮންނަތާ ބައިގަރުނު ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވަނީ މަރުގެ އަދަބުދޭން ނިންމައި އެކަން އިއުލާން ކުރައްވައިފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ.