އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ކާމިޔާބު ކަމާއެކު ސިކުނޑީގެ ސާޖަރީއެއް ހަދައިފިއެވެ.

އުމުރުން 60 އަހަރުގެ މަރަޑޯނާ ސިކުނޑީގެ ސާޖަރީއެއް ހަދާފައި ވަނީ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެގެންނެވެ. 1986 އަހަރުގެ ވޯލްޑް ކަޕް، ގައުމީ ޓީމައެކު އުފުލާލި ހުނަރުވެރި ފޯވަޑް މަރަޑޯނާގެ ސާޖަރީ ހަދާފައި ވަނީ އުފަން ގައުމު އާޖެންޓީނާގެ ބުއެނޯސް އެއާސްގެ އިޕެންސާ ކްލިނިކުން ހޯމަ ދުވަހުއެވެ.

މަރަޑޯނާގެ ސާޖަރީ ހެދި ޑޮކްޓަރު ލިއޮޕޮލްޑޯ ލުގޭ ބުނެފައި ވަނީ ސާޖަރީ ކާމިޔާބު ކަމަށާއި ރަނގަޅަށް ބެލުމަށްފަހު މައްސަލައެއް ނޫޅޭނަމަ ގެއަށް ދޫކޮށްލަން ތައްޔާރުވެފައިވާ ކަމަށެވެ.

ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ޕާޓީ ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ގިނަވެ، މަރަޑޯނާގެ ކެރިއަރު ވަނީ ހީކުރި ވަރަށްވުރެ އަވަހަށް ނިމިފައެވެ. އެހެން ނަމަވެސް އޭނާ ވަނީ އޭގެ ފަހުން ކޯޗެއްގެ ގޮތުގައި ގިނަ މަސައްކަތަކެއް ކޮށްފައެވެ. 2010 ވަނަ އަހަރު އާޖެންޓީނާގެ ކޯޗު ކަމުގައި ވޯލްޑް ކަޕަށްވެސް ދިޔަ މަރަޑޯނާއަކީ މިހާރު އާޖެންޓީނާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ގިމްނާސިއާ ވައި އެސްގްރީމާގެ ކޯޗެވެ.

މިދިޔަ ހުކުރު ދުވަހު ގިމްނާސިއާ އިން ލީގުގައި ޕަޓްރޮނާޓޯއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މަރަޑޯނާ ފެނިފައި ވެއެވެ.

މަރަޑޯނާގެ ސާޖަރީއާއެކު ގިނަ ސަޕޯޓަރުން އޭނާއަށް ހިތްވަރު ދިނުމުގެ މެސެޖުތައް ފޮނުވަމުންދާއިރު، ރޮއިޓާސްއިން ބުނެފައި ވަނީ ސާޖަރީ ކުރިއަށް ދިޔަ ހޮސްޕިޓަލް ކައިރިއަށް އެއްވެގެންވެސް ބައެއް ސަޕޯޓަރުން ހިތްވަރު ދިނުމުގެ މެސެޖުތައް ފޮނުވަމުން އަންނަ ކަމަށެވެ.