ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރު އަދި ކްރިތީ ސާނޮން އެކުގައި ފެނިގެންދާ ފިލްމު ބައްޗަން ޕާންޑޭގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފަށާނެ ކަމަށް ބުނެފިއެވެ.

އެކްޝަން ކޮމެޑީ މި ފިލްމުގެ ޝޫޓިން ކުރިން އޮތީ މިއަހަރު މެއިގައި ފަށާގޮތަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ތާރީހު އަންނަ އަހަރަށް މިވަނީ ފަސްކޮށްފައެވެ. ފިލްމާ ގުޅުން ހުރި ފަރާތަކުން އިންޑިއާގެ މީޑިއާތަކަށް ދީފައިވާ މައުލޫމާތުގައި ފިލްމުގެ ޝޫޓިން ޖެނުއަރީގައި ފަށައި މާޗަށް ނިންމުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ޕެންޑަމިކް ގައިޑްލައިނާ އެއްގޮތުގެ މަތިން ޝޫޓިންތައް ކުރިއަށް ގެންދިއުމުގެ ހުއްދަވެސް ފިލްމަށް މިހާރު ލިބިފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ފިލްމުގެ ހުރިހާ ތަރީންނާއި ކްރޫއިން މި ޑިސެމްބަރުގައި ކޮވިޑް ޓެސްޓު ހަދާނެ ކަމަށާއި އެއާއެކު ތިން ދުވަހުގެ ކަރަންޓީނެއް ވެސް ފުރިހަމަކުރާނެ ކަމަށް އެފަރާތާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފިލްމުގައި އަކްޝޭ ފެނިގެންދާނީ ގޭންގްސްޓާއެއްގެ ރޯލުންނެވެ. ކްރިތީ ފެނިގެން ދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ. މީގެ ކުރިން އަކްޝޭ ވަނީ ފިލްމުގައި އޭނާ ފެނިގެންދާނެ ގޮތުގުގެ ލުކް ދައްކާލައިފައެވެ. ކުރިން ފިލްމު ނެރެން ހަމަޖައްސާފައިވަނީ 22 ޖެނުއަރީގައެވެ. ނަމަވެސް މިހާރު އެ ތާރީހު ވަނީ ފަސްކޮށްފައެވެ.