ފާހަނާ ތަށީގެ މަތި ނުޖަހައި ފްލަޝް ކުރުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު އާއްމުކޮށް ކުރާ ކަމެކެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރިކަމެކެވެ.
މަޝްހޫރު ކެމިކަލް އުފައްދާ ހާޕިކް ބްރޭންޑުން ހާއްސަ ހައި ސްޕީޑް ކެމަރާއެއް ބޭނުންކޮށްގެން ވަނީ ފާހަނާ ތަށި ފްލަޝް ކުރުމާއެކު ތަށިތެރެއިން ބުރައިގެންދާ ނަޖިސްފެނުގެ މަންޒަރުތަކުގެ ފޮޓޯތަކެއް ނަގައިފައެވެ.
ފޮޓޯތަކުން ފެންނަ ގޮތުން ފްލަޝް ކުރުމާއެކު ސްޕްރޭ ވެގެންދާ ނަޖިސްފެން ބޮޑު ސަރަހައްދަކަށް ބުރައިގެން ދެއެވެ. އަދި ތަޣައްޔަރުވެފައިވާ ތަނެއްގައި އަތްލުމަށްފަހު ނޭފަތުގައި ނުވަތަ އަނގައިގައި އަތް ޖެހުމުން އެމީހާގެ ހަށިގަނޑަށް އެތައް ވައިރަހެއްގެ އަސަރު ކުރާކަމަށް ދިރާސާތަކުން ވަނީ ދައްކައިފައެވެ.
މެއި މަހުގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ކުޑަކަމުދާ ތަކެތީގައިވެސް ވައިރަސްގެ އަސަރު ހުރެއެވެ. ޗައިނާގެ ދިރާސާ ކުރާ ޓީމުން ވަނީ ފާހަނާ ތަށިން ވެސް ވައިރަސް ފެތުރުމަށް މަގުފަހި ކުރާ ކަމަށް ބުނެފައެވެ.
ހާޕިކްގެ ޓީމުން ވަނީ ގޭތެރެއިން ކުރެވޭ މިކަހަލަ ކުޑަކަމަކުން އެތައް ބައްޔަކަށް މަގުފަހިކުރުވާނެކަމަށް ބުނެފައެވެ. އެގޮތުން ހާޕިކުން ވަނީ އެކުންފުނިން ފަށާފައިވާ "ކްލޯސް ދަ ލިޑް" ކެމްޕެއިންގެ ސަބަބުން މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ބުނެފައެވެ.