ދޫނިދޫ ޖަލުގެ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އެޗްއާރުސީއެމުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ ކޮމިޝަނުން ދޫނިދޫއަށް ކުރި ޒިޔާރަތުގައި އެތަނުގައި ބަންދުކޮށްފައި ތިބޭ މީހުން ބުއިމަށާއި ސާފުތާހިރުވުމަށް ބޭނުންކުރަމުން އަންނަ ފެން ތަހުލީލު ކުރުމުން އެ ފެނުގައި ގިނަ އަދަދަކަށް ކޮލިފޯމް (ބެކްޓީރިއާ) ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެއީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ މިންގަނޑުތަކަށް ފެތޭ ފެނެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އެގޮތުން ދޫނިދޫގައި ބަންދުގައި ތިބޭ މީހުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މިދިޔަ މަހު 27 ވަނަ ދުވަހު ފުލުހުންނަށް އެންގި ނަމަވެސް އެތަނުގެ ފެނުގެ މައްސަލައަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެހެންކަމުން އެޗްއާރުސީއެމުން ވަނީ އެ މައްސަލައިގައި ފުލުހުންނަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދޫނިދޫގައި ބޭނުންކުރާ ފެނުގައި ބެކްޓީރިއާ ހުރިކަން އެޗްއާރުސީއެމުން އެންގުމުން އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް އެތަނުގެ ބައެއް ފެންހޮޅިތައް ބަދަލުކުރުމާއި ފެން ސާފުކުރުމަށް ބޭނުންކުރާ ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ވިލްޓްރޭޝަން ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް އިސްކަމެއް ދީގެން ކުރިއަށްދާ ކަމަށެވެ.

ނަމަވެސް ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި އެއްވެސް އެސެޓެއް ގަތުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ލިޔެ ހުއްދަ ހޯދަންޖެހޭތީ އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދަނިކޮށް، ފެނުގެ މައްސަލަ ރަނގަޅުކުރަން މަސައްކަތް ނުކުރާ ކަމަށް ބުނެ އެޗްއާރުސީއެމުން ނެރެފައިވާ ބަޔާނަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް ނެރެފައިވާ ބަޔާނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ، ދޫނިދޫގައި ތިބޭ ގައިދީން ބޯން ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމު މިހާރު ވަގުތީ ގޮތުން ހަމަޖައްސާފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ދޫނިދޫގައި މިހާރު ބޭނުންކުރަމުން އަންނަ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއް ނޫން ކަމަށާއި އެ ފެން ބޭނުންކުރުމުން ހަމުގެ ބަލި ފަދަ ބަލިތައް ޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ކަމާ ގުޅޭ މާހިރުން ދެއްވާފައިވާ ފަންނީ ލަފާއިން އެނގޭ ކަމަށެވެ.