ބޮލީވުޑް ގެ ބާދްޝާ ޝާހުރުކް ޚާން އަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި އޭނާގެ ފޭން ކްލަބްގެ ފަރާތުން 5555 ކޮވިޑް ކިޓާއި ކެއުން ހަދިޔާ ކުރަން ނިންމައިފިއެވެ.

މިފަހަރުގެ އުފަންދުވަހު ޝާހު ހުރީ އާއިލާއާއެކު ދުބާއީގައެވެ. އެ ގައުމުން ވަނީ ބުރިޖް ޚަލީފާގައި ޝާހުގެ ނަމާއި އުފަންދުވަހުގެ ތަހުނިޔާގެ މެސެޖު ވީޑިއޯމެދުވެރިކޮށް ދައްކައިފައެވެ.

އުފަންދުވަހާ ގުޅިގެން ޝާހުގެ ގެ މައްނަތު ދޮށަށް ފޭނުން ޖަމާނުވުމަށް އެދި އޭނާ ވަނީ ޓުވީޓުކޮށްފައެވެ. ނަމަވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޝާހުގެ ފޭނުން އޭނާގެ އުފަން ދުވަސް ކުލަ ގަދަކޮށް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ކޭކް ފެޅުމުގެ އިތުރުން ދުނިޔޭގެ އެކިގައުމުތަކުގައި އުޅޭ ޝާހުގެ ފޭނުން ހިމެނޭހެން އޮންލައިން ބާތުޑޭ ބޭޝްއެއް ވެސް ވަނީ ބާއްވައިފައެވެ.

ޝާހުގެ ފޭން ކްލަބުން ވަނީ އޭނާގެ އުފަންދުވަހާ ގުޅުވައިގެން ކޮވިޑް ކިޓް ބެހުމުގެ އިތުރުން ބޭނުން ޖެހިފައި ތިބި މީހުނަށް ކާންދޭން ނިންމައި އެކަން ޓުވިޓަރުގައި އިއުލާން ކޮށްފައެވެ.

ފޭން ކްލަބުން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ އެމީހުންގެ ފަރާތުން 5555 ކޮވިޑް ކިޓު ބަހާނެ ކަމަށެވެ. އޭގެ ތެރޭގައި 5555 މާސްކާއި ސެނިޓައިޒަރު ހިމެނޭ ކަމަށެވެ. އަދި ބޭނުން ޖެހިފައި ތިބި މީހުނަށް ކެއުން ދޭން ނިންމާފައިވާ ކަމަށްވެސް އެ ޓުވީޓުގައި ވަނީ ބުނެފައެވެ.