އޮންލައިންކޮށް ޖުވާ ކުޅޭ ސައިޓްތަކާއި ބައެއް އޮންލައިން ޓްރޭޑިން ސައިޓުތައް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބްލޮކްކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ގާނޫނާއި ގަވައިދުތަކާ ހިލާފު މާލީ މުއާމަލާތްތަކުގައި އެ ބޭންކުން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތަކާއި އޮންލައިން ޓްރޭޑިން ސައިޓްތައްވެސް ބްލޮކް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވަމުންދާ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ މިފަދަ އުނދަގޫ އަދި ދަތި ހާލަތެއްގައި ރާއްޖޭގެ އިގުތިސާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
ބީއެމްއެލް އިން ބުނީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓާ ކުރަމުންދާނެ ކަމަށާއި ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށެވެ.
އޮންލައިންކޮށް ޖުވާ ކުޅޭ ސައިޓްތަކާއި ބައެއް އޮންލައިން ޓްރޭޑިން ސައިޓުތައް ބީއެމްއެލް އިން ބްލޮކް ކުރަން ނިންމާފައިވާ އިރު، "ވިސާ ޑައިރެކްޓް" އަދި "މާސްޓަކާޑް ސެންޑް" ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބީއެމްއެލުން ހުއްޓާލައި އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓަށް ޖަމާކުރާ ގޮތަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު