ދޫނިދޫ ޕޮލިސް ކަސްޑޯޑިއަލްގައި ބަހައްޓާފައި ތިބޭ މީހުންނަށް ސާފު ބޯފެން ނުދޭތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރި ފޮލޯއަޕް ޒިޔާރަތުގައި އެ ކަސްޓޯޑިއަލުގައި ބަންދުކުރެވިފައިވާ ފަރާތްތައް ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެން ތަހުލީލުކުރުމުން އެ ފެނުގައި ގިނަ އަދަދަކަށް ކޮލިފޯމް (ބެކްޓީރިއާ) ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ފެނަކީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ މިންގަނޑުތަކަށް ނުފެތޭ ފެނެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ އެ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއް ނޫން ކަމަށާއި މި ފެން ބޭނުންކުރުމުން ހަމުގެ ބަލި ފަދަ ބަލިތައް ޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ކަމާ ގުޅޭ މާހިރުން ދެއްވާފައިވާ ފަންނީ ލަފާއިން ކޮމިޝަނުގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށެވެ.

ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް އަދި ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ސާފު ބޯފެން ލިބުމުގެ ހައްގު ކޮންމެ މީހަކަށްވެސް އޮންނަން ޖެހޭ ކަމަށް ބަޔާނުގައިވެއެވެ.

އެޗްއާރުސީއެމުން ބުނީ، ދޫނިދޫގައި ބަންދުގައި ތިބޭ މީހުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި ބޯފެން ފޯރުކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމުތަކުގެ ތަފްސީލު އެ ކޮމިޝަނާ ލިޔުމުން ހިއްސާކުރުމަށް މިދިޔަ މަހު 27 ވަނަ ދުވަހު ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އަމަލު ނުކޮށްފި ނަމަ، ފިޔަވަޅު އަޅާނެ ކަމަށްވެސް އެންގި ކަމަށެވެ.

އެހެން ނަމަވެސް މިއަދު ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށް ބެލިބެލުމުން އެތަނުގައި ފޯރުކޮށްދެމުންދާ ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގެ ބަންދުގައި ތިބޭ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާނޫނު ނަންބަރު 6/2006 ހިއުމަން ރައިޓްސް ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފައެވެ.