ކުޅިވަރުގެ ގާނޫނަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުތަކަކީ އޮލިމްޕިކް ޗާޓަރާ ހިލާފު އިސްލާހެއް ކަމަށާއި އެ އިސްލާހުތަކުގެ ސަބަބުން ރާއްޖެ ސަސްޕެންޑުކުރާނެ ކަމަށް ކުޅިވަރު އެސޯސިއޭޝަންތަކުން ބުނެފިއެވެ.
ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ހަސަން ލަތީފު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފައެވެ. އެ ބިލު ފޮނުއްވުމަށްފަހު ހަސަން ލަތީފް ވިދާޅުވެފައިވާ ގޮތުގައި އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މަގުސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށުއެރުންތައް ނައްތާލުމާއި އެ މުއައްސަސާތައް ޑިމޮކްރަޓައިޒްކޮށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
އެ އިސްލާހުތަކާ ގުޅިގެން 18 ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް މިއަދު ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާން ނެރެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ހޭންޑްބޯލް މޯލްޑިވްސް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން، ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް)، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)، ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)، ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް)، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)، މޯލްޑިވްސް ޗެސް އެސޯސިއޭޝަން އަދި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގުޅިގެންނެވެ.
އެ ނޫސްބަޔާނުގައި އެސޯސިއޭޝަންތަކުން ބުނީ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާއާއި މަސައްކަތްތައް ކުޅިވަރާ ބެހޭ ވުޒާރާއާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި އެންމެހައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން ކުރަމުން އަންނަ މި ދަނޑިވަޅުގައި، ކުޅިވަރުގެ ގާނޫނަށް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އެގޮތުން ކުޅިވަރުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށަހަޅާފައިވާ މާއްދާތަކާ ގުޅިގެން އެސޯސިއޭޝަންތަކުން ވަނީ ބައެއް ކަންކަން ފާހަގަކޮށްފައެވެ.
- ހުށަހަޅާފައިވާ މި އިސްލާހަކީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ޗާޓަރުގެ 27.5 އަދި 27.6 މާއްދާއާ ހިލާފު އިސްލާހެކެވެ.
- އެގޮތުން މި އިސްލާހު ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނައުން ވެގެންދާނީ އޮލިމްޕިކް ޗާޓަރުގެ 27.9 ވަނަ މާއްދާގައި ފާހަގަކޮށްފައިވާ ހާލަތު އުފެދޭން މެދުވެރިވާ ސަބަބަކަށެވެ.
- ވުމާއެކު މިކަމުގެ ނަތީޖާއެއްގެ ގޮތުން މި ޗާޓަރުގެ 59 ވަނަ މާއްދާއިން ކަނޑައަޅާފައިވާ އޮލިމްޕިކް މޫވްމަންޓުން ދިވެހިރާއްޖެ ސަސްޕެންޑް ވެގެންދާނެކަން ސާފުކޮށް އެނގެން އޮތީތީ މި ކަންބޮޑުވުން ފާހަގަކުރަމެވެ.
- ދުނިޔޭގެ ކުޅިވަރުގެ ތާރީހުގައި މި ޒާތުގެ މައްސަލަތަކުގެ ސަބަބުން އެތައް ގައުމެއް ސަސްޕެންޑް ވެފައިވާކަން ފެންނަން އޮތްއިރު، މިކަހަލަ ކަމެއްގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑްވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު އާއިލާއާއި ކުޅިވަރަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމުގައި ދެކެމެވެ.
ކުޅިވަރުގެ ގާނޫނަށް ހުށަހަޅާފައިވާ އެހެން އިސްލާހުތަކާ ގުޅޭގޮތުން ވެސް ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ހިމެނޭ ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދާއި ހިންގާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ކުޅުންތެރިން ވީއްލުމާއި އިދާރީ ހިންގުމުގެ އުސޫލުތަކާ ގުޅޭގޮތުން ހިމަނާފައިވާ ގިނަ އިސްލާހުތަކަކީ ކުޅިވަރުގެ ގާނޫނުން ބާރު ލިބިދީގެން ހަދާފައިވާ އެކިއެކި ގަވައިދުތަކުގައި ހިމެނޭ ކަންތައްތައްކަން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާ ބެހޭ ގަވައިދާއި ކުޅުންތެރިންނާއި އޮފިޝަލުން ވީއްލުމާ ބެހޭ ގަވައިދުގައި އެކަންކަން ފާހަގަކޮށް އެކަށަ އަޅާފައިވާ ކަމަށާއި ވުމާއެކު އެ ގަވައިދުތަކުގެ ތެރެއިން މިހާރުވެސް ކުރެވެމުން އަންނަ އަދި ހުރިހާ އެސޯސިއޭޝަކުން ވެސް ކުރަމުން އަންނަ އެފަދަ ކަންކަން ނުކުރާ ކަމަށް ދޭހަވާ މޭރުމަކުން ބިލުގައި ހިމަނާފައިވުމާއި، އަދި ކުޅިވަރު އެސޯސިއޭޝަންތަކަކީ އެއްވެސް އަސާސެއް އަދި އުސޫލެއް ވެސް ނެތި ހިންގަމުންދާ ތަންތަން ކަމަށް ދޭހަވާ ބީދައިން ވާހަކަދައްކަމުންގެންދާތީ އެކަމާ ކުޅިވަރުގެ އާއިލާއިން ކަންބޮޑުވެ، ހިތާމަކުރާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިސްލާހަކީ ކުޅިވަރާއި ބެހޭ ގައުމީ މަޖިލިސްއިން ކަނޑައަޅާ ފަރާތްތަކުގެ އިންތިހާބު ބާއްވައި، އިންތިހާބާ ގުޅޭ ކަންކަމާއި ކުޅިވަރު ޖަމިއްޔާގެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ބުނާ މާއްދާއެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް މިހާތަނަށް ބާއްވަމުން އަންނަނީ އެ އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީން ކަނޑައަޅާ އިލެކްޓޯރިއަލް ކޮމިޓީއެއް މެދުވެރިކޮށެވެ. އިލެކްޓޯރިއަލް ކޮމިޓީން ކުރާ ހުރިހާ ކަމެއް ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުންނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ވެސް މޮނިޓާކުރެއެވެ. އެގޮތަށް އޮންނަ އެންމެ ބޮޑު ސަބަބަކީ ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނުވަންނަ ގޮތަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު