ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސެޓަލައިޓުން ނެގި ރާއްޖޭގެ ރީތި ފޮޓޯ އެއެޖިންސީން ވަނީ ދައްކާލައިފައެެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ސެޓަލައިޓް ކޮޕާނިކަސް ސެންޓިނަލް-3 އިން ނަގާފައިވާ ފޮޓޯއިން ފެންނަނީ އިންޑިއާ ކަނޑުގައި އެތުރިފައިވާ ރާއްޖޭގެ އަތޮޅުތަކެވެ.

ނަމަވެސް ވިލާ ބޯވުމުގެ ސަބަބުން އެފޮޓޯ އިން ހުވަދު އަތޮޅާއި އައްޑޫ އަތޮޅު ނުފެނެއެވެ.

ސެންޓިނަލް-3 އިން މިފޮޓޯ ނަގާފައިވަނީ މާޗް މަހުގެ 29 ވަނަ ދުވަހުގައެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އާތު ފްރޮމް ސްޕޭސް ޕްރޮގްރާމްގައި މިހަފްތާގައިވަނީ ރާއްޖެއާ ބެހޭ މައުލޫމާތު، މިފޮޓޯއާ އެކު ހިމަނައިފައެވެ.

https://www.youtube.com/watch?v=MO0h6-kkigw

ސެޓެލައިޓް ސެންޓިނަލް-3 އަކީ ޔޫރަޕިއަން ސްޕޭސް އެޖެންސީން އުފައްދާފައިވާ ސެޓަލައިޓެކެވެ. އެ އެޖެންސީގެ ކޮޕާނިކަސް ޕްރޮގްރާމްގެ ދަށުން ދުނިޔޭގެ ތިމާވެއްޓާއި ސަލާމަތީ ކަންކަން މޮނިޓާ ކުރުމުން ދެއެވެ.

ކޮޕާނިކަސް ޕްރޮގްރާމްގެ ތެރެއިން ޔޫރަޕިއަން ސްޕޭސް އެޖެންސީން ވަނީ ޖައްވަށް ދެ ސެޓަލައިޓެއް ފޮނުވައިފައެވެ އެއީ ސެންޓިނަލް-3އޭ އަދި ސެންޓިނަލް-3ބީ އެވެ. މީގެ އިތުރު ދެ ސެޓަލައިޓެއްވެސް މި ޕްރޮގްރާމްގެ ތެރެއަށް ވަންނާނެ ކަމަށް އެ އެޖެންސީން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ވެއެވެ.

ކޮޕާނިކަސް ޕްރޮގްރާމްގެ ސެޓަލައިޓް ތަކުން ޔޫރަޕްގެ ކަމާބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހާލަތާބެހޭ މައުލޫމާތު ލިބޭނެއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ އެކު ތިމާވެށީގެ ކަންކަމުގައި ސައްހަ މައުލޫމާތު އެއްކޮށް ބޭނުން ކުރެވޭނެއެވެ.