ޕީއެސްޖީގެ ރައީސް، ނަސީރު އަލް ހަލީފީގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުން އޭނާ ސަލާމަތް ވެއްޖެއެވެ.
ސްވިޒަލޭންޑްގައި ކުރިއަށްދިޔަ ޝަރީއަތްތަކުގައި ނަސީރުގެ ކުށެއް ނެތްކަމަށް ނިންމާފައިވާއިރު، ނަސީރުގެ މައްޗަށް ކޮށްފައި ވަނީ، އޭނާ ޗެއާމަންކަން ކުރާ މީޑިއާ ގްރޫޕެއް ކަމަށްވާ "ބީން" އަށް 2026 ވަނަ އަހަރާއި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޓީވީ ރައިޓް ނުހައްގުން ހޯދަން އުޅުނުކަމުގެ ތުހުމަތުތަކެކެވެ. ތުހުމަތުތައް އަމާޒުކޮށްފައި ވަނީ ކުރީގެ ފީފާ ސެކްރެޓަރީ ޖެނެރަލް ޖެރޯމް ވަލްސްކޭ މެދުވެރިކޮށް އެކަން ކުރަން އުޅުނު ކަމަށެވެ.
އެ މައްސަލައިގައި، ވަލްސްކޭ ވަނީ ކުށްވެރި ވެފައެވެ. ޓީވީ ރައިޓްސްއާ ގުޅޭ ބައެއް ލިޔެކިޔުންތައް ފޯޖް ކުރުމުގެ މައްސަލައިގައި އޭނާއަށް ވަނީ 120 ދުވަހުގެ ސަސްޕެންޝަނެއް ވެސް އައިސްފައެވެ. އޭގެ އިިތުރުން ބަދަލުގެ ގޮތުގައި ފީފާއަށް 1.65 މިލިއަން ޔޫރޯ ދައްކަންވެސް އޭނާގެ މައްޗަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.
ސްވިޒަލޭޏްޑްގެ ފެޑެރަލް ކްރިމިނަލް ކޯޓުން ވަލްސްކޭގެ މައްޗަށް ސާބިތުކޮށްފައި ވަނީ ރިޝްފަތު ދިނުމާއި، ނަހަމަ ގޮތުގައި ކުށް ކުރުމަށް ބާރުގެ ބޭނުން ކުރުމުގެ ކުށެވެ. އެކަންކަމަށް ހުކުމެއްގެ ގޮތުން ތިން އަހަރު ޖަލު ހުކުމެއްވެސް ވަލްސްކޭއަށް އައިސްފައިވެއެވެ.
އެކަންކަމުގެ ތެރެއިން ނަސީރަށް ކޮށްފައިވާ ދައުވާއަކީ ވަލްސްކޭ ބޭނުންކޮށްގެން ނުހައްގު މަންފާތައް ހޯދަން މަސައްކަތް ކުރި ކަމުގެ ދައުވާއެވެ. ނަސީރަކީ ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގައިވެސް ހިމެނޭ ބޮޑު ވިޔަފާރިވެރިއެވެ. ތުހުމަތުތަކާއި ގުޅިގެން ނަސީރު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރާވައިގެން ހިންގާ ޖަރީމާތަކެއް ކަމަށާއި، އެއީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.
"ގާނޫނާއި ގަވާއިދުތަކުން އިންސާފު ލިބޭނެކަން އެނގިއްޖެ. އެކަމަކު މިދިޔަ ހަތަރު އަހަރު އަހަރެންގެ މައްޗަށް މިކުރީ ބޭކާރު ދައުވާތަކެއް. އަހަރެންގެ އަބުރާއި އިއްޒަތް މުޅިން ހަރާބުކޮށްލަން މަސައްކަތް ކޮށްފައިވަނީ. މިހާރު އެންމެންނަށްވެސް އެނގޭނެ އަހަންނަކީ އެއްވެސް ހާލަތެއްގައި އެކަހަލަ ކަންކަން ކުރާ މީހެއް ނޫންކަން،" ނަސީރު ވިދާޅުވިއެވެ.
ނަސީރު ރިޝްވަތު ހުށަހެޅި ކަމަށް ބުނާ، ވަލްސްކޭއަކީ ފިފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ ގާތް މީހެކެވެ. ރިޝްވަތާއި، ކޮރަޕްޝަންގެ އިތުރުން ފީފާގެ ކޯޑް އޮފް އެތިކްސްއާއި ހިލާފުވުމާއި، ވޯލްޑްކަޕްގެ ޓިކެޓްތައް އަމިއްލައަށް ވިއްކުން ފަދަ ކަންކަމުގައި މިވަގުތު ބްލެޓާ ހުރީ 10 އަހަރުގެ ބޭން އެއްގައެވެ. ބްލެޓާ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އިސްތިއުނާފް ކުރި ނަމަވެސް، މައްސަލަ ނިމުނީ އޭނާއާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު