އަޖީއަން ކަނޑަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތުރުކީން މަރުވި މީހުންގެ އާއިލާތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ތައުޒިޔާ ވިދާޅުވެ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޮޓް ކަވުސޮގްލޫއަށް މިނިސްޓަރު ޝާހިދު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، ބިންހެލުމާއި ސުނާމީގެ ސަބަބުން ތުރުކީއަށް ލިބުނު ގެއްލުންތަކާ މެދު ހިތާމަކުރައްވާ ކަމަށާއި މަރުވި އާއިލާތަކަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި އުންމީދަކީ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަނެ އާންމު ހާލަތަށް އައުން ކަމަށްވެސް އެ މެސެޖުގައި މިނިސްޓަރު ވިދާޅުވިއެވެ.
އަޖީއަން ކަނޑަށް އައި 7.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ތުރުކީގެ އިޒްމީރް ޕްރޮވިންސަށެވެ. ބިންހެލުމުގެ އަސަރު ގްރީސްއަށް ވެސް ވަނީ ކޮށްފައެވެ.
ދެގައުމަށް އައި މި ބިންހެލުމާއެކު ގިނަ އިމާރާތްތަކެއް ވެއްޓިފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. މިހާތަނަށް ދެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު 16 އަށް އަރާފައިވާ އިރު، ގިނަ ބަޔަކު އަދިވެސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތުރުކީގެ ޑީޒާސްޓާ އެންޑް އިމަޖެންސީ މެނޭޖްމަންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާތަނަށް 420 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުތަކަށް ވަނީ ގެންދެވިފައެވެ.
އެ ހާދިސާއާ ގުޅޭގޮތުން ތުރުކީގެ އިޒްމީރްގެ މޭޔަރު ވިދާޅުވީ އެ ސިޓީގެ 20 އިމާރާތެއް ބިމާ ހަމަވެފައިވާ ކަމަށާއި މިހާތަނަށް 70 މީހަކު އިމާރާތްތަކުގެ ދަށުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
ބިންހެލުމަށްފަހު ތުރުކީއަށް ވަނީ ސުނާމީއެއް ވެސް އަރައިފައެވެ.
ގްރީސްއަށް ބިންހެލުމުގެ އަސަރު ކޮށްފައިވަނީ ކުޑަކޮށެވެ. އެގައުމުގެ ސާމޯސް އައިލެންޑަށް ބިންހެލުމުގެ އަސަރުކޮށް ފާރެއް ވެއްޓި، ދެމީހުން މަރުވެފައިވާ ކަމަށް އެގައުމުން ރިޕޯޓު ކޮށްފައިވެއެވެ. ގްރީސްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އެގައުމުން މިހާތަނަށް ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު