ބިދޭސީ މުވައްޒަފުންގެ ހުރުން ހަމަޖައްސައިދިނުމުގެ ވިޔަފާރި ރަޖިސްޓަރީކުރުން ލާޒިމުކޮށް، ވިޔަފާރި ރަޖިސްޓަރީ ނުކޮށް ހިދުމަތްދޭ ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދެއް އެކުލަވާލައި، ގެޒެޓުކޮށްފިއެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި އެ ގަވައިދު ގެޒެޓުކޮށްފައިވަނީ އިއްޔެއެވެ. އެ ގަވައިދުގައި ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުމަށް ލާޒިމުކޮށް، އެފަދަ ވިޔަފާރި ހިންގުމާ ގުޅޭ އުސޫލުތައް ވަނީ ހިމަނައިފައެވެ.

އެ ގަވައިދަށް އަމަލު ކުރަން ޖެހޭނީ ބިދޭސީ މުވައްޒަފުންގެ ހުރުން ހަމަޖައްސައިދޭ ފަރާތްތައް ފިޔަވައި، ވިޔަފާރި އުސޫލުން ބިދޭސީ މުވައްޒަފުންގެ ހުރުން ހަމަޖައްސައިދިނުމުގެ ހިދުމަތް ދޭ ފަރާތްތަކުންނެވެ.

އޭގެ އިތުރުން ވަޒީފާ ދޭ ފަރާތުގެ އަމިއްލަ ތަންތަނުގައި، އެ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް ހުރުން ހަމަޖައްސައިދޭ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތުގެ ނަމުގައި ރާއްޖެ ގެންނަ ބިދޭސީ މުވައްޒަފުންނަށް ހާއްސަކޮށްގެން، ހަމައެކަނި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ބޭތިއްބުމަށް ކުއްޔަށް ހިފާފައިވާ ތަންތަން އަދި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދުގައި ބަޔާކޮށްފައިވާ ޕްރޮފެޝަނަލް ގިންތީގެ ބިދޭސީ މުވައްޒަފުންނަށް ކުއްޔަށް ދޭ ތަންތަނުން ވެސް ވިޔަފާރި ރަޖިސްޓަރީކުރަން ޖެހެއެވެ.

އެ ހިދުމަތް ދޭން އެދޭ ފަރާތްތަކުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ވިޔަފާރި ރަޖިސްޓަރީ ކުރުމަށްފަހު، މި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބިދޭސީ މުވައްޒަފުންގެ ހުރުމުގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރަން ވާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

ގަވައިދުގައި ބުނެފައިވަނީ ބިދޭސީ މުވައްޒަފުންގެ ހުރުން ހަމަޖައްސައިދިނުމުގެ ހިދުމަތްދިނުމަށް އެދޭ ފަރާތްތަކުން ކަނޑައަޅާ ތަންތަނުގައި އެ ހިދުމަތް ދޭހައި ހިނދަކު، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތެން ޖެހޭ ކަމަށެވެ. އަދި އެ ތަންތަނުގައި ބައިތިއްބާ ބިދޭސީންނަކީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން ހުއްދަ ހޯދުމަށްފަހު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންކަން ހިދުމަތް ދޭ ފަރާތުން ކަށަވަރުކުރަންވާނެ ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.

މި ގަވައިދުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ލާޒިމުވާ ފަދަ ބިދޭސީ މުވައްޒަފުންގެ ހުރުން ހަމަޖައްސައިދިނުމުގެ ހިދުމަތް ދޭ ހުރިހާ ފަރާތްތަކުން ވެސް، މި ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ދަފުތަރު ކުރުމަށް ހުށަހަޅަން ޖެހެއެވެ.

ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނާ ހިލާފުވިކަމަށް ބަލައި، އެފަދަ ކޮންމެ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން ރަޖިސްޓަރީކޮށްފައިވާ އެކަމަޑޭޝަނުގައި ހުންނަންޖެހޭ މިންގަނޑުތައް ފުރިހަމަވެފައި ނުވާކަން މިނިސްޓްރީން ހިންގާ އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެފަދަ ކޮންމެ ފަރާތެއް 5،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.

ގަވައިދުގައި ބުނެފައިވަނީ ފިޔަވަޅު އެޅުމަށްފަހު ވެސް ގަވައިދާ ހިލާފަށް ވިޔަފާރީގެ ހަރަކާތްތައް ހިންގާ ފަރާތްތަކުގެ ރަޖިސްޓަރީ ބާތިލުކޮށް، ތަނުގެ ތަފުސީލު ގެޒެޓުގައި އާންމުކުރާނެ ކަމަށެވެ.