ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އއ. އުކުޅަހުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެެލް އިން ބުނީ އަތޮޅުތެރޭގައި ގާއިމުކުރާ އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި އުކުޅަހުގައި ގާއިމުކުރެވުނު އޭޓީއެމްގެ ހިދުމަތާއެކު އއ. އަތޮޅުގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ތިން ރަށަކުން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ރަސްދޫ ބްރާންޗުން 24 ގަޑިއިރު ހިދުމަތް ދިނުމަތް ހަމަޖެހިފައިވާ ކަމަށާއި މި ސެންޓަރުގައި އެންމެ ޒަމާނީ ހިދުމަތްތައް އެކުލެވިގެންވާ އޭޓީއެމް އެއް ބެހެއްޓިފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިކުރުމަށް ބޭންކުން އަންނަނީ މެދު ކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ. އެގޮތުން ދާދި ފަހުން ނ. ކެނދިކުޅުދޫއާއި ތ. ތިމަރަފުށި އަދި އއ. ތޮއްޑޫގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން މިހާރު އަންނަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފްސާވިސް ބޭންކިން ސެންޓަރު، 125 އޭޓީއެމް، 200 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުންނެވެ. އަދި އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.