ޓްރާންސްޕޭރެންސީ އާއި ޑިމޮކްރެސީ ހަރުދަނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެމެރިކާގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

ދެގައުމުގެ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިންގައި ޕޮމްޕެއޯ ވިދާޅުވީ، އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުން ވެސް އިތުރުވަމުން އަންނަ ކަމަށާއި ހާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ އެހެން ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކުރިއަށްވުރެ މުހިންމު ވެފައިވާ ކަމަށެވެ.

އެގޮތުން ޗައިނާއަށް ބަހުގެ ހަމަލާއެއް ދެއްވައި އޭނާ ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ބިރުދެއްކުމުގެ އަމަލުތަކެއް ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް އެމެރިކާ އެމެރިކާއިން އެހެން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރާނެ ކަމަށާއި އަދި އެމެރިކާއިން ގޮވާލަނީ ދެފުށް ފެންނަ ގޮތަށް މަސައްކަތްކުރުމަށް ކަމަށް ވިދާޅުވި އެވެ.

ޕޮމްޕެއޯ އިތުރަށް ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތީ ދެ ގައުމުގެ ގުޅުމުގެ އަގު އެމެރިކާއިން ވަޒަންކުރާތީ ކަމަށެވެ. އަދި ރާއްޖެ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު މީގެ ކުރިން ދުވަހަކު ވެސް ނެތް ވަރަށް މިހާރު އެބަ އޮތް ކަމަށާއި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމި ނިންމުމަކީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހާރިޖީ ލަފާ އަރުވާ އެންމެ އިސް ފަރާތް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 28 އަހަރަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ އެވެ. މި ދަތުރުފުޅަށްފަހު ޕޮމްޕެއޯ މިހާރު ވަނީ ފުރާވަޑައިގެންފަ އެވެ.