ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމުމަކީ އެމެރިކާ އާއި ރާއްޖޭގެ ހަރުދަނާ ގުޅުމެއްގެ އާ ފެށުމެއް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.
ދެގައުމުގެ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިންގައި ޕޮމްޕެއޯ ވިދާޅުވީ، އޭނާގެ ރާއްޖެ އަށް ވަޑައިގަތީ ދެ ގައުމުގެ ގުޅުމުގެ އަގު އެމެރިކާއިން ވަޒަންކުރާތީ ކަމަށެވެ. އަދި ރާއްޖެ އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު މީގެ ކުރިން ދުވަހަކު ވެސް ނެތް ވަރަށް މިހާރު އެބަ އޮތް ކަމަށާއި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމި ނިންމުމަކީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.
"އިންޑޯ ޕެސިފިކް އާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ތިޔަ ބޭފުޅުން (ރާއްޖެއިން) އަދާކުރައްވާ ދައުރުގެ މުހިއްމުކަން އަންނަނީ އިތުރުވަމުން. އަދި އަޅުގަނޑުމެން ގައުމުން ބޭނުންވަނީ ރަނގަޅު ބައިވެރިއެއްގެ ގޮތުގައި އޮންނަން. އެންމެބަސީއެއް ހުޅުވިގެން ދިއުމުން އެކަން ކުރެވޭނެ،" ޕޮމްޕެއޯ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަމާޒަކީ ވެސް އެއީކަން ފާހަގަކުރައްވައި ޕޮމްޕެއޯ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ވެސް ޑޮމޮކްރަސީ އާއި ހެޔޮ ވެރިކަމަށް އެދޭކަން އެނގޭ ކަމަށެވެ. އަދި އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮތް ދިފާއީ ގުޅުން ވެސް އިތުރުވަމުން އަންނަ ކަމަށާއި ހާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ އެހެން ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކުރިއަށްވުރެ މުހިންމު ވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެ މޭރުމުން ވާހަކަދައްކަވަމުން ޕޮމްޕެއޯ ވަނީ ޗައިނާއަށް ބަހުގެ ހަމަލާއެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ބިރުދެއްކުމުގެ އަމަލުތަކެއް ހިންގަމުން ދިޔަ ނަމަވެސް އެމެރިކާ ތަފާތު ވާނެ ކަމަށާއި އެމެރިކާއިން އެހެން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރާނެ ކަމަށެވެ. އަދި އެމެރިކާއިން ގޮވާލަނީ ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރުމަށް ކަމަށާއި އެމެރިކާއިން ގާއިމްކުރަނީ އެކުވެރިކަން ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު