ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށް އަނިޔާވެ، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހުމުން، އޭނާ ނެތްތަން ފޫބެއްދުމަށް ލިވަޕޫލްގެ ސެންޓާ ޑިފެންސުގައި މުހިއްމު ރޯލެއް އަދާކުރަމުން ދިޔަ ބްރެޒިލްގެ ފަބީނިއޯއަށްވެސް އަނިޔާވެއްޖެއެވެ.

ރޭ ލިވަޕޫލުން ޗެމްޕިއަންސް ލީގުގައި މިޖީލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅުގައި ފަބީނިއޯ ވަނީ މެޗުން ބާލައިފައެވެ. ވެންޑައިކް ނެތްތަން ފޫބެއްދުމުގައި ލިވަޕޫލަށް މާޔޫސްކަން ކުރިމަތިވެފައިވާއިރު، މިވަގުތު ވެންޑައިކްގެ ޕާޓްނަރު ޖޯލް މަޓިޕްވެސް ހުރީ އަނިޔާގައެވެ.

މަޓިޕާއި ވެންޑައިކް އަނިޔާގައި ތިބިމުން ރޭގެ މެޗުގައި ލިވަޕޫލްގެ ސެންޓާ ބެކުން ފެނުނީ ފަބީނިއޯ ޖޯ ގޮމޭޒްއެވެ. އެއީ ސީނިއާ ސްކޮޑުން ޔާގަން ކްލޮޕަށް ބޭނުންކުރެވެން އޮތް ހަމައެކަނި ޗޮއިސްވެސް މެއެވެ. މެޗުގައި ފަބީނިއޯއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފެންނަ ފެނުމުގައި ފަބީނިއޯއަށް ލިބިފައިވަނީ ކުޑަ އަނިޔާއެއް ނޫނެވެ.

ރޭގެ މެޗުގައި ފަބީނިއޯގެ ބަދަލުގައި ކުޅެން ނުކުތީ ޒުވާން ޑިފެންޑަރު ރީސް ވިލިއަމްސްއެވެ.

ފަބީނިއޯއަކީ ލިވަޕޫލްގެ ސްކޮޑުގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރު މޮނާކޯއިން ފަބީނިއޯ ލިވަޕޫލަށް ބަދަލުވެ، އޭނާ ވަނީ މިދިޔަ ދެ ސީޒަންގައި 41 މެޗު ކުޅެފައެވެ. އުމުރުން 27 އަހަރުގެ ފަބީނިއޯއަކީ އާންމުކޮށް ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅޭ ކުޅުންތެރިއެއް ނަމަވެސް ވެންޑައިކްގެ އަނިޔާއާއެކު އޭނާ އަންނަނީ ސެންޓަ ބެކު ލީޑުކުރުމުގެ މަގާމު އަދާކުރަމުންނެވެ.

ވެންޑައިކްގެ އޭސީއެލް ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް މި ސީޒަން އެއްކޮށް ގެއްލޭނެ ކަމަށް ވަނީ ބެލެވިފައެވެ. 2018 ވަނަ އަހަރުގެ ޖެނުއަރީގައި ލިވަޕޫލާ ގުޅުނު ޑިފެންޑަރު ވެންޑައިކަކީ ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މިދިޔަ ދެ ސީޒަންގައި ލިވަޕޫލުން ކުޅުނު ހުރިހާ މެޗެއްގައި ވެންޑައިކް ކުޅެފައި ވެއެވެ. ލިވަޕޫލުން މިދިޔަ ސީޒަންގެ ލީގު ކާމިޔާބުކުރި އިރުވެސް އެންމެ މުހިއްމު ރޯލެއް ކުޅުނު ވެންޑައިކްއަކީ އޭގެ ކުރީ ސީޒަންގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށް، ބެލޮންޑިއޯގެ ގަދަ ތިނެއްގައިވެސް ހިމެނިފައެވެ.

ލިވަޕޫލުން ރޭ ޗެމްޕިއަންސް ލީގުގައި މިޖީލޭންޑާ ދެކޮޅަށް ކުޅެ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގޯލްތައް ޖަހައިދިނީ ޑިއޭގޯ ޖޮޓާއައި މުހައްމަދު ސޮލާހެވެ.