ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރައްވާފައިވަނީ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނަސީމް ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރެއްވި އިރު، އޭނާ ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައެވެ. ނަސީމަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.
ނަސީމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަންވެސް ކުރައްވައިފައެވެ. އަދި ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ނަސީމް މަސައްކަތް ކުރައްވާފައިވާ އިރު، އޭނާއަކީ ރާއްޖެއަށް ފަތުރުވެރިން ތައާރަފުކުރުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އަމީން އިސްތިއުފާ ދެއްވާފައިވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވަނިކޮށެވެ.
އޭސީސީން އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އަމީންއާއެކު އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.
ޕީޖީގެ މި ނިންމުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 24 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދައިފައެވެ. އަމީން އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު