ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ.
މި ގަރާރުގައި ބުނެފައިވަނީ މާލެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަކީ އެ މައްސަލަތަކުން މުޅިން އަރައިގަތުމަށް އިންތިހާއަށް ދިމާވެފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރިންނާއި ހީ ސަމާސާކޮށް މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިއުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ. ތަފާތު ވައްތަރުގެ މިއުޒިކާއި ލަވަ އަޑުއަހައިލަން ޒުވާނުންނަށް އެއްވެ އުޅެވޭނެ ތަނެއް ވަރަށް މުހިންމު ކަމަށްވެސް އެ ގަރާރުގައިވެއެވެ.
ގަރާރުގައި ވަނީ ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާ ހިލާފު ކުޅަދާނަ ފަންނާނުން އެބަތިބި ކަމަށާއި މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިބި ކަމަށެވެ. އެހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިއޯ އާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނަން ޖެހޭ ކަމަށާއި ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމު އެ މަރުކަޒުގައި ހަމަޖެހުން މުހިއްމު ކަމަށެވެ.
"އެ ޒުވާނުންގެ ހުނަރު އާލާކޮށް، އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑު. އެ ޒުވާނުންގެ އެ އާދަޔާ ހިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް،" ގަރާރުގައިވެއެވެ.
ގަރާރުގައި ވަނީ ގައުމެއްގެ ގައުމިއްޔަތު ރަމްޒުކޮށްދޭ އެންމެ މުހިއްމު އެއް އުންސުރަކީ އެ ގައުމެއްގެ ސަގާފަތް ކަމަށާއި ސަގާފީ ކުޅިވަރާއި މިއުޒިކާއި ކުރެހުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ވާހަކަ ދައްކާ އުޅޭ ބަހާއި ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ކަމަށެވެ. ރާއްޖޭގެ ގައުމިއްޔަތުގެ ވެސް އެންމެ މުހިއްމު އެއް އުންސުރަކީ ދިވެހި ލަވަޔާއި މިޔުޒިކު ކަމަށާއި ޒަމާނުއްސުރެ ދިވެހީން ކުޅެމުން އައި ކުޅިވަރުތަކާއި ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ކަމަށްވެސް ގަރާރުގައިވެއެވެ.
މިކަންކަން މިއަދު މިވަނީ ނެތި ދިއުމުގެ މަގުމަތީގައި ކަމަށާއި ދިވެހި ލަވަ އާއި މިއުޒިކްގެ ޝައުގުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި ދިވެހީންގެ ސަގާފަތް އަންނަން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްއޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް ކަމަށްވެސް ގަރާރުގައިވެއެވެ.
އެހެންނަމަވެސް އަންނަން އޮތް ޖީލަށް ދިވެހީންގެ ސަގާފަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށްނުދެވުން ބިނާވެފައިވަނީ މިއަދު ދައުލަތުން ޒުވާނުންނާ މެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށާއި ޒުވާނުންގެ އެ މުހިއްމު ބޭނުންތަކަކީ ސަރުކާރުން އިޖާބަދޭންވާނޭ ކަންކަން ކަމަށްވެސް ގަރާރުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު