ތިލަފުށްޓާއި ގުޅިފަޅުގައި ހަދާ އިމާރާތްތަކުގެ ކުރެހުން ފާސްކުރުމުގެ ހިދުމަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ކުންފުނިން ކުރަމުން ގެންދިޔަ އެންމެހާ މަސައްކަތް އެޗްޑީސީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ތިލަފުށީ އަދި ގުޅިފަޅުގައި ހަދާ އެންމެހައި އިމާރާތްތަކުގެ ކުރެހުން ފާސްކޮށްދިނުމުގެ ހިދުމަތް ދެން ދެމުން ގެންދާނީ އެ ކޯޕަރޭޝަނުން ކަމަށެވެ.

އެޗްޑީސީ އާއި ޖީއެމްއައިޒެޑްއެލް އެއްކޮށްލުމާ ގުޅިގެން ގުޅިފަޅާއި ތިލަފުށިން ކުއްޔަށް ދޫކޮށްފައިވާ ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓުތަކަށް ދައްކަން ޖެހޭ ކުލީގެ ފައިސާވެސް މިހާރު ބަލައިގަންނާނީ އެޗްޑީސީން ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އެޗްޑީސީ އާއި ޖީއެމްއައިޒެޑްއެލް އެއްކޮށްލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.