އާ އާންމު ހާލަތުގައި ފަތުރުވެރިން ކުރިއަރުވަން ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދަން ހަމަޖައްސާފައިވާ ރާސްތާ ވެބިނާގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖައްސައިފިއެވެ.
ވަން އޮންލައިންގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ވަން އޮންލައިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓެންޓް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާއެވެ. ވެބިނިއާ އިންތިޒާމުކުރާ ދަރިވަރުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަފްރާހު އަރީފެވެ.
ރާސްތާ ވެބިނާއަކީ ގައުމީ ޔުނިވާސިޓީގައި އިންޓަނޭޝަނަލް ޓޫރިޒަމް މެނޭޖުމަންޓުން ޑިގްރީ ހަދަމުން އަންނަ ދަރިވަރުންތަކެއް އިސްނަގައިގެން ބާއްވަން ނިންމާފައިވާ ވެބިނާއެވެ. އެ ވެބިނާ ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ޖުމްލަ ދެ ސެޝަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ވެބިނާގެ މަގުސަދަކީ އާ އާންމު ހާލަތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މަޝްވަރާކުރުމެވެ.
ޓޫރިޒަމް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްގެންދާ އެ ވެބިނާގެ ކޮންމެ ސެޝަނެއްގައި ޖުމުލަ ފަސް ޕެނަލިސްޓުން ހިމެނޭ އިރު، ޕެނަލިސްޓުންގެ ގޮތުގައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންސީސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅެއްވެސް ޕެނަލްގައި ހިމެނޭނެއެވެ.
އެ ވެބިނާގައި ބައިވެރިވުމުގެ ފުރުސަތު ގެސްޓުހައުސްތަކާއި ޓުރެވެލް އެޖެންސީތަކަށް ހުޅުވާލައިފައިވާ އިރު، ޖުމުލަ 70 ގެސްޓްހައުސް އާއި 60 ޓްރެވެލް އެޖެންސީން އެ ވެބިނާގައި ބައިވެރިވާނެ ކަމަށް ވެބިނާ އިންތިޒާމު ކުރާ ފަރާތުން މައުލޫމާތުދެއެވެ.
ރާސްތާ ވެބިނާއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 7788371 އަށް ގުޅުމަށް ވެބިނާ އިންތިޒާމު ކުރާ ފަރާތުން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު