ރާއްޖެއަށް ބޭނުންވާ މުދާ އެތެރެ ކުރުމުގައި ޑޮލަރު ނޫން އެހެން ފައިސާއެއް ބޭނުންކުރުމަށްޓަކައި މަޝްވަރާކުރައްވަމުން ގެންދަވާ ކަަމަށް ސެންޓްރަލް ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ޑޮލަރުގެ އަގު މައްޗަށް ދިއުމާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ގަވަރުނަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ޑޮލަރު އިންކަމް ލިބޭ ކަމަށެވެ. ނަމަވެސް އެ ހުރިހާ ޑޮލަރަކީ ރާއްޖެއަށް ވަންނަ ޑޮލަރުކަން، ގާނޫނުތަކާއި ގަވާއިދުތައް ހުރިގޮތުން ނުބެލޭ ކަމަށްވެސް ވިދާޅުވިއެވެ. އެގޮޮތުން އެމްއެމްއޭ މެދުވެރިކޮށް ހަމައެކަނި ވަންނަނީ، ލިބޭ ޑޮލަރުގެ 20 ޕަސެންޓް ކަމަށާއި 80 ޕަސެންޓް އޮންނަނީ ފޮރިން ސެކްޓަރުގެ އަތްމަތީގައި ކަމަށްވެސް ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ ޑޮލަރުގެ ޑިމާންޑު ދަށްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށައި އެގޮތުން ރާއްޖޭގެ އިމްޕޯޓުގެ އެންމެ ބޮޑު ދެ މާކެޓު ކަމަށްވާ އިންޑިއާ އާއި ޗައިނާގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި އެކަމަށްޓަކައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު އަލްޓަނޭޓިވްލީ ބަލަމުން މިދަނީ އެހެން ކަރަންސީއެއް ވެސް އެކްސްޗޭންޖަށް ގެންނަން. ޗައިނީޒް ޔުއާން ނޫނީ އިންޑިއަން ރުޕީސްއަކީ ވެސް ހަމަ ޑައިރެކްޓްލީ ރުފިޔާއާ ސްވޮޕް ކުރެވޭނެ އެއްޗެއް،" ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ.
އިތުރު ތަފްސީލު ދެއްވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އެކަމަކީ އެހެން ގައުމުތަކުގައިި ވެސް އަމަލު ކުރާ އުސޫލެއްް ކަމަށާއި ވިޔަފާރީގެ ގޮތުން އެންމެ ބޮޑަށް ގުޅިފައި އޮންނަ ގައުމެއްގެ ފައިސާ އެގޮތަށް ބޭނުން ކުރެވިދާނެ ކަމަށެވެ.
"ލޯކަލް ކަރަންސީ ބޭނުންކޮށްގެން އެހެން ޖުރިސްޑިކްޝަނެއްގައި ހުންނަ މުދަލާއި ހިދުމަތް އަޅުގަނޑުމެންނަށް ހޯދޭނެ މެކޭނިޒަމެއް އެސްޓަސްބްލިޝް ވީމަ ޔޫއެސް ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވާނެ. އެހެން ގައުމުތަކުން ވެސް މިހާރު ބޭނުން ކުރަމުން އަންނަ އެކްސަސައިޒެއް މިއީ،" ޑެޕިއުޓީ ގަވަރުނަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު