ޚަބަރު

އަންނަ އަހަރަށް އެމް 7އިން ނެރުނީ ދިވެހި ވަންތަ ކަލަންޑަރެއް

އަލީ ޔާމިން

އެމް7 ޕްރިންޓުން 2021 ވަނަ އަހަރަށް ދިވެހި ވަންތަ ކަލަންޑަރެއް ނެރެފިއެވެ.

ފަންނުވެރިކަމާއި ދިވެހި ތަރިކަ ދައްކުވައިދީފައިވާ މި ކަލަންޑަރުގައި އަލަށް ތައާރަފުކުރާ 12 ވައްތަރުގެ ދިވެހި ފޮންޓުވެސް ހިމެނެއެވެ.

ދިވެހި ބަހުން ލިޔެފައިވާ ހިކުމަތްތެރި ބަސްތަކާއި ނަމާދު ވަގުތާއި ހިޖުރީ ތާރީހާއި ނަކަތްތަކުގެ އިތުރުން ސަރުކާރު ބަންދު ދުވަސްތަކާއި މުހިންމު ތާރީހުތައް އެނގޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ކަލަންޑަރު ފަރުމާކުރީ، ވިޝުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި ކުރެހުމާއި ފަރުމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ފަރުހާދު އިބްރާހިމެވެ.

ފާރުގައި އަޅުވާ މި ކަލަންޑަރުން ދިވެހި ފަންނުވެރިކަން ފުރިހަމައަށް ފެނިގެންދާއިރު، އެމް 7އިން ބުނީ، ދިވެހި ތާރީހާއި ސަގާފަތާއި ދިވެހި ފަންނުވެރިކަން ކުރިއެރުވުމަށް އެމް 7އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އެމް7 ގެ ކަލަންޑަރުގެ އަގު 28 ރުފިޔާއަށް އުޅޭއިރު، ހަދިޔާއަކަށް ނަމަ ލިޔެލާޖެހި ކުރެހުން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ފޮއްޓެއްގައި ކަލަންޑަރު ބަންދުވެސް ކޮށްދޭނެއެވެ.