ކުރީގެ ރައީސް އަދި މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސް، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރުގެ އަތުން، ދަރަންޏަށް ނަންގަވާފައިވާ ކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާ ހޯދަން މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތައާވަލުކޮށްފިއެވެ.

ޑީއާރުޕީން މިއަދު ކުރި ޓުވީޓެއްގައި ވަނީ އެޕާޓީގެ ޗެއާމަން ޖާބިރު، ކުރީގެ ރައީސް މައުމޫނަށް އަނބުރާ ދޭގޮތަށް ދިން 29 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ މެންދުރު 1:00 އަށް ތާވަލުކޮށްފައިވާ ކަމަށެވެ.

މި އަޑުއެހުމުގައި ޖާބިރު އަމިއްލައަށް ވަކާލާތުކުރެއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އެޕާޓީން ބުންޏެވެ.

ރައީސް މައުމޫނުގެ މައްޗަށް ޖާބިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އަނބުރާ ދައްކާ ގޮތަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އެފައިސާ ރައީސް މައުމޫނަށް ނުދެއްކިއްޖެނަމަ މުގާބިލްގައި މއ. ކިނބިގަސްދޮށުގެ ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ޖާބިރު ދައުވާގައި އިތުރަށް ބުނެފައިވަނީ ރައީސް މައުމޫން ނެންގެވި 29 މިލިއަން ރުފިޔާ ދައްކަވާފައި ނުވުމުގެ ސަބަބުން، ފައިސާ ބޭނުންކޮށްގެން ކުރެވެން ހުރި އެތައް ވިޔަފާރިއަކުން ލިބެންޖެހޭ އެތައް މިލިއަން ރުފިޔާ ލިބުމުގެ މަގު ޖާބިރަށް ބަންދުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ގެއްލުންތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށްވެސް ޖާބިރު ބުނެފައިވެއެވެ.

މި ފައިސާ ރައީސް މައުމޫނު ނެންގެވިކަމަށް ދެ ބޭފުޅުންގެ މެދުގައި ލިޔެވިފައިވާ އެއްބަސްވުމެއް ނެތުމުން، އެ މުއާމަލާތް ހިންގިއިރު ހާޒިރުގައި އެތައް ބަޔަކު ތިބިކަން ފާހަގަކޮށް، ހެކިންގެ ގޮތުގައި އެ ފަރާތްތައް ހުށަހަޅަން ދައުވާގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ހެކިންގެ ގޮތުގައި ޖާބިރު ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ބަންޑާރަނައިބު އަދި ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދާއި ގ. ރަންހިރި އައިމިނަތު ޝަބީބާއެވެ.