ބޭންކަށް ޖަމާކުރަން ދިޔަ ފަސް މިލިއަން ރުފިޔާ ފޭރެން އުޅެނިކޮށް ހުއްޓުވައިފިއެވެ.

ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ފޭރެން މަސައްކަތް ކޮށްފައިވަނީ ރޫޓުގެ ފައިސާ ހިފައިގެން އައި ވެހިކަލަކުންނެވެ. މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ވެހިކަލުން ފޭރެން މަސައްކަތްކޮށްފައިވަނީ ދެ ސައިކަލެއްގައި އައި ހަތަރު މީހެކެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ފައިސާ އަޅާފައި ހުރި ފޮށިގަނޑު އެމީހުން ފޭރެން އުޅެނިކޮށް، ހުއްޓުވާފައިވަނީ ބީއޯސީގެ ސެކިއުރިޓީ ގާޑެކެވެ. އަދި ފައިސާ ފޭރެން އުޅުނު މީހުން އަތުލައިގަތުމަށް ސައިކަލެއްގައި އައި އެހެން މީހަކު މަސައްކަތްކުރާ ތަން ވެސް ވީޑިއޯ އިން ފެނެއެވެ.

ފޭރެން މަސައްކަތްކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން އެނގިފައެއް ނުވެއެވެ. ރޫޓުން "ވަން"އަށް މައުލޫމާތު ދެމުން ބުނީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ފުލުހުން އެދިފައިވާ ކަމަށެވެ. އެހެންވެ، ވެހިކަލްގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއްކަން އަދި ބުނެވެން ނެތް ކަމަށް ބުންޏެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ރޫޓުން ބީއޯސީއަށް ޖަމާކުރަން ހިފައިގެން ދިޔައީ ފަސް މިލިއަން ރުފިޔާއެވެ.

ފުލުހުން ބުނީ، ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކު ވެގެން ފޭރެން މަސައްކަތްކުރި މައްސަލައެއް މިއަދު 11:47 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.