ރާއްޖެ ދެމިއޮންނާނީ އދ.ގެ ތެދުވެރި އަދި އިހުލާސްތެރި ބައިވެރިއެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ. އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓަރު ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އދ.ގެ މުހިންމުކަން އިތުރަށް އިހުސާސްކުރެވޭ ކަމަށެވެ. އަދި ރާއްޖެއަކީ އަބަދުވެސް އދ.ގެ ޗާޓަރުގައިވާ އަސާސްތައް ދެމެހެއްޓުމަށް ގޮވާލައި، ބައިނަލްއަގުވާމީ ސުލްހައާއި އިގުތިސޯދީ ކުރިއެރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށް ގޮވާލާ ގައުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"1965 ވަނަ އަހަރު އދ. ގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުމާއެކު، އޭގެ 55 އަހަރުފަހުން، މިއަދުވެސް ދިވެހިރާއްޖެ ދެމިއޮތީ، އދ. ގެ ތެދުވެރި އަދި އިހުލާސްތެރި ބައިވެރިއެއްގެ ގޮތުގައި،" މިނިސްޓަރުގެ މެސެޖުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ނިސްބަތުން ކިތަންމެ ކުޑަ ގައުމެއްކަމުގައި ވިޔަސް، އދ.ގައި ރާއްޖެއިން ދައްކުވައިދެނީ ބައިނަލްއަގުވާމީ ފެންވަރެއްގައި އެހެނިހެން ގައުމުތަކާ އެއް ހަމައަކަށް ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދެވިދާނެކަން ކަމަށާއި އެގޮތުން މިހާތަނަށް އދ.ގައި ރާއްޖެއިން ވަނީ 21 ވަނަ ގަރުނުގައި ތައާރަފުވެގެން އަންނަ އައު ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ކުދި ގައުމުތަކުން މުހިންމު ދައުރެއް އަދާކުރެވިދާނެކަން ސާބިތުކޮށްދީފައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދާ ހަމައަށް، 75 އަހަރު ވަންދެން އދ. ދެމިއޮތީ ބަވަނަވުމާއި މަލްޓިލެޓްރަލިޒްމަށް މަގު އަލިކޮށް، އެއްގަލަކަށް އަރުވައިދޭ އަލިގަދަ ދަންމަރެއްގެ ގޮތުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު