ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ނ. ހޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފިއެވެ.

ބީއެމްއެލުން ބުނީ، މަހެއްގެ ބައްޓަމަށް ފަރުމާކުރެވިފައިވާ މި ތަނަކީ ފަސޭހަކަމާއެކު މަސްކަނޑަން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި އެތަނުގައި އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭނެ ކަމަށްވެސް ބުންޏެވެ.

އެ މަސްކަނޑާތަނުގައި ސާފު ރީތިފެން ލިބެން ހުންނަ އިރު، ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް އެކުލެވިގެންވެއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެޖޭނަރު މުހައްމަދު ސައީދު ވިދާޅުވީ، ހޮޅުދޫގައި ގާއިމުކުރެވުނު މަސްކަނޑާ ތަނުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް މަސް ކެނޑުމާއި މަސް ވިއްކުމުގައި ފަސޭހަަތަކެއް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"މިއީ ކޮމިއުނިޓީ ފަންޑަށް ހުށަހެޅިގެން ދިޔަ ވަރަށް ތަފާތު ހުށަހެޅުމެއް. ތަނުގެ ސަބަބުން މި ރަށުގެ ރައްޔިތުންނާއި ހާއްސަކޮށް ރަށުގެ މަސްވެރިންނަށް މަސްކެނޑުމާއި މަސް ވިއްކުމަށް ފަސޭހަވެގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން. ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގޭ ޕްރޮޖެކްޓްތަކުގެ ސަބަބުން ރަށުގެ ތަރައްގީއަށާއި ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނަކަމީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއް،" ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްއާ ގުޅިގެން އެ މަސައްކަތް ކުރި ހޮޅުދޫގެ އެމްސީއެފް ޖަމިއްޔާއިން ބުނީ މީގެ ކުރިން ހޮޅުދޫގެ ރައްޔިތުން މަސްކެނޑުމަށް ބޭނުންކުރަމުން އައީ ބަނދަރު މަތީގައި ހުންނަ ބާ މޭޒެއް ކަމަށާއި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ތެރެއިން ރަށުގައި މަސްކަނޑާ ތަނެއް އެޅިގެން ދިއުމަކީ ރަށަށާއި ޖަމިއްޔާއަށް ލިބުން ކުރިއެރުމެއް ކަމަށެވެ.

މިއަހަރުގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ވަނީ ބަހާލެވިފައެވެ. ފުރަތަމަ ދެ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ފިޔަވެއްސެއްގައިވެސް އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ވަނީ ހޮވިފައެވެ. އަދި ތިންވަނަ ފިޔަވަހީގައި ދިހަ ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ބީއެމްއެލުން މިހާރު އަންނަނީ ކައިރި މުސްތަގުބަލެއްގައި ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމަށް މަސައްކަތްކުރަމުންނެވެ.