ސްރީލަންކާގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރައީސަށް ބޮޑެތި ބާރުތަކެއް ދީފިއެވެ.

ގާނޫނު ހަދާ މަޖިލީހުން ރައީސް ގޮޓަބަޔާ ރާޖަޕަކްސައަށް ދިން ބާރުތަކާއެކު މިނިސްޓަރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންދާނެއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކަށް ވެސް މީހުން އައްްޔަން ކުރުމުގެ ބާރު ލިބިގެންދާނެއެވެ. އެގޮތުން އެގައުމުގެ އިލެކްޝަންސް ކޮމިޝަނާއި ޕަބްލިކް ސާވިސް އަދި ފުލުހުންނާއި ހިއުމަން ރައިޓްސް ފަދަ މުއައްސަސާތަކަށް މީހުން އައްޔަން ކުރެވޭނެއެވެ.

އަލުން ދިން ބާރުތަކުގެ ތެރެއިން ރައީސް ބޭނުންފުޅުވެއްޖެ ހިނދެއްގައި އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ހޮވޭތާ ދެ އަހަރާއި ހަ މަސްދުވަހުގެ ތެރޭގައި އުވައިލެވޭނެއެވެ. މީގެ ކުރިން ގާނޫނުގައި އޮންނަގޮތުން މަޖިލިސް އުވައިލެވޭނީ ފަސް އަހަރުވުމުގެ ހަ މަސްދުވަސް ހަމަވުމުންނެވެ.

ލަންކާގެ ރައީސަށް ދީފައިވާ ބާރުތަކުގެ ތެރެއިން އެންމެ ބޮޑު ބާރަކީ އެގައުމުގެ ރައްޔިތުންގެ ތެރެއިން ޑުއަލް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ސިޔާސީ މަގާމުތަކަށް އައްޔަން ކުރުމުގެ ބާރެވެ. މި ބާރާއެކު ރާޖަޕަކްސަގެ އާއިލާގެ ގިނަބަޔަކަށް ބޮޑެތި މަގާމުތަކުގައި ތިބެވޭނެއެވެ.