ޚަބަރު

މާލޭގައި ބޮލަކަށް އެވްރެޖްކޮށް ލިބެނީ 14،150 ރުފިޔާ، ކުއްޔަށް އެވްރެޖްކޮށް 13،500 ރުފިޔާ ދައްކާ: ސާވޭ

2

މާލޭގައި ގޭބިސީއެއްގެ އެވްރެޖް އާމްދަނީ އަކީ 38،600 ރުފިޔާ ކަމަށާއި އަދި އެވްރެޖް ކުއްޔަކީ 13،500 ރުފިޔާ ކަމަށް ގޭބިސީގެ އާމްދަނީއާ ހަރަދުކުރުން ހުރިގޮތުގެ ސާވޭ (ހަޔަސް) އިން ދައްކައިފި އެވެ.

ސްޓެޓިސްޓިކަލް ބިއުރޯ އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ކުރިއަށްގެންދިޔަ އެ ސާވޭ އިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 48 ޕަސެންޓް މީހުން އުޅެނީ މާލޭގަ އެވެ. އަދި މާލޭގައި ކޮންމެ 10 ގޭބިސީއަކުން އެއް ގޭބިސީއެއްގައި މީހުން ދިރިއުޅެނީ ތޮއްޖެހިގެންނެވެ. މާލޭގައި އުޅޭ އާބާދީގެ 74 ޕަސެންޓް މީހުން އުޅެނީ ކުލި ދައްކައިގެންނެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ހިމަނައިގެން ކުރިއަށްގެންދިޔަ އެ ސާވޭގައި ނަތީޖާ ކަނޑައަޅާފައިވަނީ މާލޭގެ ހާލަތާއި އަތޮޅުތެރޭގެ ހާލަތު ވަކިންނެވެ.

އެގޮތުން ރާއްޖޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި 12،683 ރުފިޔާ ދައްކަ އެވެ. އަދި މާލޭގައި އުޅޭ މީހުން އެވްރެޖްކޮށް ކުއްޔަށް 13،494 ރުފިޔާ ދައްކާއިރު އަތޮޅުތެރޭގައި އުޅޭ މީހުން ކުއްޔަށް ދައްކަނީ އެންމެ 2،668 ރުފިޔާ އެވެ.

ސާވޭއިން ދައްކާ ގޮތުގައި، މުޅި ރާއްޖޭގައި އެވްރެޖްކޮށް ގޭބިސީއަކަށް ލިބޭ އާމްދަނީއަކީ 28،746 ރުފިޔާ އެވެ. އަދި މާލޭގައި ގޭބިސީއަކަށް 38،596 ރުފިޔާ ލިބޭއިރު އަތޮޅު ތެރޭގައި ގޭބިސީއަކަށް ލިބެނީ 19،633 ރުފިޔާ އެވެ.

ގޭބިސީއެއްގައި އުޅޭ އެންމެނަށް އާމްދަނީ ބަހައިލުމުން، މާލޭގެ ގެއެއްގައި އުޅޭ މީހެއްގެ ބޮލަކަށް ޖެހެނީ 7،479 ރުފިޔާ އެވެ. އަދި ރަށްރަށުގައި އުޅޭ މީހުންގެ ބޮލަކަށް ޖެހެނީ 3،762 އެވެ.

ހަޔަސް އިން ދައްކާ ގޮތުގައި، ގޭބިސީއެއްގައި އެވްރެޖްކޮށް 5.2 މީހުން އުޅޭއިރު، އޭގެ ތެރެއިން އާމްދަނީއެއް ލިބެނީ 2.6 މީހުންނަށެވެ. އަދި މާލޭގައި ބޮލަކަށް 14،150 ރުފިޔާ ޖެހޭއިރު އަތޮޅު ތެރޭގައި ބޮލަކަށް ޖެހެނީ 8،053 ރުފިޔާ އެވެ.