ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގައިވާ ހާލަތްތަކުގައި މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކަން 24 ގަޑިއިރުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅަމުން ނުދާތީ، އެކަން ތަކުރާރުނުކުރުމަށް އެ ކޮމިޝަނުން އަންގައިފި އެވެ.
ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގައިވާ ހާލަތްތަކުގައި މުވައްޒަފެއް އޮފީހަށް ނުކުތުމުން މަނާކުރިކަން 24 ގަޑިއިރުގެ ތެރޭގައި ސީއެސްސީއަށް ހުށަހަޅަންޖެހެ އެވެ. އަދި މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިނަމަ އެކަން ވެސް ލަސްނުކޮށް އަންގަންޖެހެ އެވެ.
ބައެއް އިދާރާތަކުން އެފަދައިން އަމަލުކުރަމުން ނުދާތީ ސީއެސްސީގެ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ސައީދު ސޮއިކުރައްވައި ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި އިދާރާތަކަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ކުރިއަށްއޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް ހުރިހާ އިދާރާއަކުން ވެސް އަމަލުކުރަމުން ގެންދިއުމަށް އެދޭ ކަމަށެވެ.
އޭގެ އިތުރުން މުވައްޒަފުން އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން އެ ކޮމިޝަނަށް ފޮނުވުމުގައި އިދާރާއިން އިހުމާލުވާ މުވައްޒަފުންނާ މެދު ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގެ ތެރެއިން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އިދާރާތަކުން ގަވާއިދުން އަޅަމުން ގެންދިއުމަށް ވެސް އަންގާފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު