ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ)ގެ ސީޕްލޭނެއް މިއަދު އެކްސިޑެންޓު ވެއްޖެއެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އެ އެކްސިޑެންޓް ހިނގީ ނ. މެދަފުށި ވޯޓާ އޭރޯޑްރޯމްގެ ވޯޓާ ރަންވޭއަށް ޖެއްސި ފަހުން ފަޅުގައި އަޅާފައި އޮތް އުޅަނދެއްގައި ބޯޓުގެ ވާތް ފަރާތު ފިޔަގަނޑު ޖެހިގެން ކަމަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، އެ ހާދިސާ ހިނގީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށާއި އެކްސިޑެންޓުވީ ޓީއެމްއޭ އިން އޮޕަރޭޓް ކުރި ޑީއެޗްސީ-6 މަރުކާގެ މަތިންދާ ބޯޓެއް ކަމަށެވެ.

އެކްސިޑެންޓް ހިނގިއިރު އެ ބޯޓުގައި ތިން ކުރޫއިންނާއި 14 ފަސިންޖަރުން ތިބި ކަމަށާއި ނަމަވެސް އޭގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް ބޯޓުގެ ވާތް ފަރާތު ފިޔަގަނޑަށް ގެއްލުންތަކެއް ވަނީ ވެފައެވެ.

އެ ހާދިސާ، އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިން ކޮމިޓީ އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.